ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފައިގައި ޓެގް އެޅުވުމަށް ފަހު ގޭ ބަންދަށް ބަދަލު ކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސް ބޭފުޅަކު ރާއްޖެއެމްވީއަށް ވިދާޅުވީ އަދީބު ގޭބަންދަށް ބަދަލު ކޮށްފައިވަނީ ފައިގައި ޓެގް އެޅުވުމަށް ފަހު ކަމަށާއި އެއީ އަދީބު އުޅުއްވާ ގޮތް މޮނިޓަރ ކުރުމަށް ކަމަށެވެ. އަދި ޓެގް އެޅުވުމުން އަދީބު އުޅުއްވާ ތަންތަން ފުލުހުންނަށް މޮނީޓާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކަރެކްޝަނުން ބުނީ އަދީބު ގޭ ބަންދަށް ބަދަލު ކުރީ ޑޮކްޓަރުންގެ ލަފާގެ މަތިން ބަލިހާލަތައް ބެލުމަށް ފަހު ކަމަށެވެ.
އަދީބު ގޭބަންދަށް ބަދަލު ކޮށްފައިވަނީ ބުދަ ދުވަހުގެ ރޭގައެވެ.
މޮނިޓަރ ކުރެވޭ ގޮތަށް އަދީބު ގޭބަންދަށް ބަދަލުކޮށްފައިވާއިރު ގޭބަންދުގައި ހުއްޓައި އަދީބު ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންނެވުމުން ފުލުހުން ވަނީ އޭނާ ހިފަހައްޓައިގެން ރާއްޖެ ގެނެސްފައެވެ. ޅ. މާބިންހުރާ ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ އަދީބުގެ މައްޗަށް ސާބިތުނުވާ ކަމަށް ހުކުމްކުރުމާއި ގުޅިގެން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ.
އެމައްސަލާގައި އަދީބު މުޖުތަމައަށް ދޫވެފައި ހުރެއްޖެނަމަ މުޖުތަމައަށް ނުރައްކާ ވެދާނެތީއާއި ފިއްލަވާފާނެތީ އަދި އެކަން ކަށަވަރު ވެފައިވާތީ ޝަރީއަތް ނިމެންދެން އަދީބު ހައްޔަރު ކޮށްފައި ބެހެއްޓުމަށް ދައުލަތުން އެދުމުން ސުޕްރީމް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެފައެވެ.
ފިއްލެވި މައްސަލައިގައި އަދީބު ވިދާޅުވެފައި ވަނީ ފިއްލެވީ އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުންނަށް ކިޔައިދެއްވާ ވާހަކަތާ ގުޅުން ހުރި ނުފޫޒު ގަދަ ބައެއްގެ ބިރުދެއްކުންތަކާއި އިންޒާރުތަކާ ހެދި ކަމަށެވެ.