އއ. އުކުޅަހުގައި އޮގަސްޓް 26 އިން ފެށިގެން ތިން ދުވަހުގެ މުއްދަތައް ކުރިޔަށް ދިޔަ އުކުޅަސް ޓެކް ފެއަރ އަދި ސްކީމާ ކޮންފަރެންސް 2019 ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ފެއަރ އަދި ކޮންފެރެންސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރާއްޖެ އަނެއްކާވެސް ޑިމޮކްރަސީގެ ރީތި ސިފަތަކަށް ހޭނެންފަށާފައިވާ ކަމަށް ފާހަގަ ކުރައްވާފައެވެ. އަދި ކޮންފަރެންސް ބޭއްވިގެން ދިޔަ އުކުޅަހަކީ އަބަދުވެސް ތަފާތު ވިސްނުންތަކަށް ތާއީދު ކޮށް އާ ކަންތައްތައް ރަށަށް ގެނައުމުގެ ވިސްނުން ގެންގުޅޭ ރައްޔިތުން އުޅޭ ރަށެއް ކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް މުސްތަގްބަލުގައި ވެސް މިފަދަ ގިނަ ކޮންފަރެންސްތައް ރާއްޖޭގައި ބޭއްވުމަށް ދައުވަތު އަރުވާ ކަމަށް ވިދާޅުވެފައެވެ.
ވިއްސައް ވުރެ ގިނަ ޓެކްނިކަލް ޓޯކްސްތައް ކުރިއަށް ގެންދެވިފައިވާ ކަމަށާއި ޓެކްނޮލޮޖީގެ ތަފާތު ގިނަ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް ސްކީމާ ކޮންފަރެންސް 2019 ގެ ޗެއަރމަން ޕްރޕފެސަރ ކެޝާވް ދަހަލް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ސްކީމާ ކޮންފަރެންސްގެ ތެރޭގައި 47 ރީސަރޗް ޕޭޕަރު ހުށައަޅާ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
ކެޝާވް ވަނީ 2020 ވަނަ އަހަރުގެ ސްކީމާ ކޮންފަރެންސް ބާއްވަން ހަމަޖެހިފައިވަނީ މެލޭޝިއާގެ ކުއަލަލަންޕޫރް ގައި ކަމަށް ފާހަގަ ކުރައްވާފައެވެ.
އުކުޅަސް ޓެކް ފެއަރ އަކީ ހަމައެކަނި ޓެކް ފެއަރ އެއް ހިންގުމަށް ކުރެވުނު ކަމެއް ނޫންކަން ފާހަގަ ކުރައްވަމުން ޓެކް ފެއަރ އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތެރިވި ފަރާތް ކަމަށްވާ ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވިއެވެ. މިހާ ކުޑަ ދުވަސްކޮޅެއްގައި ކާމިޔާބު ކަމާއެކު މިފަދަ ކޮންފަރެންސް އެއް ބާއްވާ ނިންމާލެވުނީ މި ކަމުގައި އުޅުނު އެންމެންނަށް ވެސް ކަންކަން ހިންގުމާ ނިންމުމުގެ ބާރު ހަމަ ހަމަ އަށް ބަހާލާ އެކުގައި ކުރެވުނު މަސައްކަތުން ކަމުގައި ޕްރޮފެސަރ ވިދާޅުވިއެވެ.
އުކުޅަހުން ވަނީ ކޮންފަރެންސާއި ފެއަރ އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި ބޭފުޅުންނަށާ ބައިވެރިންނަށް އެ ރަށު ސްކޫލްގެ ދަރިވަރުން ތައްޔާރު ކޮށްފައިވާ ހަދިޔާތަކެއް އަރުވާފައެވެ.
އުކުޅަސް ޓެކް ފެއަރ 2019 އަކީ އުކުޅަސް ކޮންވެންޝަން ސެންޓަރ ރަސްމީކޮށް ހުޅުވާ އެތާގައި ބޭއްވުނު ފުރަތަމަ ހަފްލާއެވެ.