މީގެ 7 އަހަރުކުރިން ލޮރެންޒޯ ޕާރކް ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ހއ. ހޯރަފުށި، ނޫރީގެ މުޙައްމަދު އަރުޙަމް (16އ) ގެ މަރާގުޅޭ ސިއްރު މައުލޫމާތުތަކެއް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ އޮފީސް) އަށް ހާމަކުރެވިއްޖެއެވެ.
އަރުހަމުގެ މަރާގުޅޭގޮތުން ދައުލަތުން ދައުވާކުރި 4 މީހުންގެ ތެރެއިން 3 މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން ނިންމި ހުކުމް ދައުލަތުން އިސްތިއުނާފު ކޮށްފައިވާއިރު، ބުދަ ދުވަހު ވަނީ އިސްތިއުނާފުގެ ދެވަނަ އަޑުއެހުން ބާއްވާފައެވެ. އެގޮތުން މި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ބުނެފައި ވަނީ، 2016 ވަނަ އަހަރު މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވިއިރު ސިއްރު މައުލޫމާތުތަކެއް ޕީޖީއަށް ހާމަ ކުރެވިފައިވާ ކަމަށެވެ.
އަދި ސިއްރު ހެކިވެރިންގެ މައުލޫމާތު އެނގޭ ގޮތަށް ލިއުންތައް ހިއްސާ ކޮށްފައިވާއިރު، އެކަމަށް ހައިކޯޓުން ޒިންމާ ނުނަގާނެ ކަމަށް ވެސް ފަނޑިޔާރުންގެ ބެންޗުން ވަނީ ބުނެފައެވެ.
އަރުހަމްގެ މަރާ ގުޅިގެން ފުރަތަމަ 6 މީހަކަށް ތުހުމަތު ކުރެވުނު ނަމަވެސް އެ މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ލ. މާވަށު އެވާބްލޫގޭ މުހައްމަދު ވިސާމާއި، ލ.މާވަށު އަސަރީގޭ މަންސޫރު ޔޫސުފާއި، ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާންގެ އިތުރުން މއ. ސީނަރީވިއު އާތިފް ރަޝީދުއެވެ. ނަމަވެސް މި މައްސަލައިގެ ކުށް ސާބިތުވެފައިވަނީ ހަމައެކަނި ވިސާމްގެ މައްޗަށެވެ. އެގޮތުން ވިސާމް މަރަން ހުކުމް ކުރީ އަރުހަމްގެ ވާރިސުންގެ ގޮތުގައި ތިބި އެންމެން ވެސް މަރަށް މަރު ހިފަން ބޭނުންވާތީ ކަމަށް ހުކުމް އިއްވަވަމުން ގާޒީ އިބްރާހިމް އޭރު ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި ފުލުހުން އޭރު ކުރިއަށްގެންދިޔަ ތަހުޤީޤަށްފަހު ބުނީ، އަރުހަމަކީ އޭގެ ކުރިން އެއްވެސް މައްސަލައެއްގައި ހައްޔަރުކުރެވިފައިވާ ކުއްޖެއް ނޫން ކަމަށާއި، އަދި އޭނާ މަރާލި ކަމުގެ ތުހުމަތުކުރެވޭ 6 މީހުންގެ ތެރެއިން ޢަލީ މިފްރާޙް ފިޔަވައި އެހެން އެންމެންނަކީވެސް ކުށުގެ ރެކޯރޑް އޮތް މީހުން ކަމަށެވެ.
ބުދަ ދުވަހު ބޭއްވުނު އަޑުއެހުން ނިންމާލާފައިވާއިރު، ދައުވާލިބޭ 3 މީހުންގެ ވަކީލު އަލީ ޝާހުވަނީ އަޑުއެހުމުގައި ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމަށް ލިއުމުން ޖަވާބުދާރީވުމަށް އެދިވަޑައިގެންފައެވެ. އަދި އެ ފުރުސަތު ދެއްވާފައިވާއިރު، މި މައްސަލައިގައި ޕީޖީއަށް ހާމަކުރެވުނު މައުލޫމާތުތައް ދައުވާ ލިބޭ ފަރާތްތަކަށް ހާމަނުކުރައްވާނެ ކަމަށް ޝާހު ވަނީ ވިދާޅުވެފައެވެ.