މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއެލް) އާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާރވިސެސް ޕްރައިވެޓް ލިމިޓެޑް (އެމްއީސީއެސް) ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާރާތް ކުރުމުގެ ދާއިރާ އަށް ހާއްސަކޮށްގެން އެގްޒިބިޝަން އެއް ކުރިއަށް ގެންގޮސްފިއެވެ.
ބިލްޑެކްސް މޯލްޑިވްސް 2019 ގެ ނަމުގައި އޮގަސްޓް 22 އިން 24 އަށް ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ މި އެގްޒިބިޝަންގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، އިންޑިއާ، ތައިލެންޑް، ނިއުޒިލޭންޑް، މެލޭޝިއާ، ޔޫއޭއީ އަދި އިޓަލީ ފަދަ ގައުމުތަކުގެ ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ. އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހިދުމަތްތަކާއި އުފެއްދުންތައް އާއްމުންނަށް ދައްކާލުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ މި އެގްޒިބިޝަން ކުރިއަށް ދިޔަ ގޮތާމެދު ހިތްހަމަޖެހޭ ކަމަށް އެގްޒިބިޝަންގެ ބައިވެރިން ބުންޏެވެ.
އިމާރާތް ކުރުމަށް ބޭނުންވާ އަސާސީ އާލާތްތަކުން ފެށިގެން އިމާރާތްތަކުގެ ވެންޓިލޭޝަން، އިންޖިނިއަރިން، ޑިޒައިން ކުރުން އަދި ސަރވޭ ކުރުން ފަދަހިދުމަތްތައް ފޯރުކޮށްދޭ ގިނަ އަދަދެއްގެ ކުންފުނިތަކާ އިންވެސްޓަރުންގެ ސްޓޯލްތައް އެގްޒިބިޝަން އިން ފެނިގެންދިޔައިރު މި ދާއިރާ އަށް ބޭނުންވާ އާލާތްތައް ސަޕްލައި ކޮށްދޭ ފަރާތްތަކާ ރިސޯޓް ކޮންސްޓްރަކްޝަންގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ސްޓޯލްތައް ވެސް އެކްސްޕޯއިން ވަނީ ފެނިގެން ގޮސްފައެވެ.
އެކްސްޕޯގައި ބައިވެރި ކުންފުނިތަކުން ބުނީ އެދެވޭ ވަރެއްގެ ތަރުހީބެއް އެކްސްޕޯއިން ލިބިގެން ދިޔަކަމުގައެވެ. ދާއިރާގައި އެކުގައި މަސައްކަތްކުރާ އެހެނިހެން ކުންފުނި ތަކާއެކު ވާހަކަ ދައްކާ ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށާއި އެކުގައި މަސައްކަތްކުރާނެ ވިޔަފާރީގެ ބައިވެރިން ވެސް ލިބިގެންދިޔަ ކަމުގައެވެ.
ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން ގިނަ ސްޓޯލްތަކަކުން ބުނީ އެ ސްޓޯލްތަކުން އެގްޒިބިޝަންގައި ހާސިލްކުރަން ބޭނުންވި މަގްސަދުތައް ހާސިލްކުރެވިފައިވާކަމަށް ގަބޫލު ކުރެވޭކަމުގައެވެ. އަދި ބިލްޑެކްސް މޯލްޑިވްސްގައި ބައިވެރިވި ބޭރުގެ ކުންފުނި ތަކުން ވަނީ އެ ކުންފުނިތަކުގެ އުފެންދުންތައް ރާއްޖޭގައި ޑިސްޓްރިބިއުޓް ކުރާނެ ފަރާތްތައް ހޯދުމަށް އެކްސްޕޯއިން މަގުފަހި ކޮށްދިންކަމުގައި ބުނެފައެވެ.
އީމާރާތް ކުރުމުގެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ރާއްޖޭގެ ކުންފުނިތަކާ އިންވެސްޓަރުން މި އެގްޒިބިޝަންގައި ބައިވެރިވެފާ ވާއިރު އެ ފަރާތްތަކުން ވަނީ މި އެގްޒިބިޝަންގެ ސަބަބުން ބައިނަލް އަގްވާމީ ގޮތުން ދާއިރާގައި ފުންނާބުއުސް ކުންފުނިތަކާ ބައްދަލުވެ ގިނަ ތަޖުރިބާތަކެއް ކުރިވިގެން ދިޔަކަމަށް ހިއްސާ ކޮށްފައެވެ. އަދި މި އެކްސްޕޯ ވެގެން ގޮސްފައިވަނީ އެތައް ފިލާވަޅުތަކެއް ދަސްވެ ކުރިއެރުމަށް ލިބުނު ހިތްވަރެއް ކަމަށް ވެސް އެކްސްޕޯގައި ބައިވެރިވި ދިވެހި ކުންފުނިތަކުން ބުންޏެވެ.
މި އެކްސްޕޯގައި ބައިވެރިވި ކުންފުނި ތަކުން ވަނީ އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކަށް ހާއްސަކޮށްގެން ޕްރޮމޯޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ފޯރސައިޓް ސާވެޔަރސް އިން ވަނީ އެ ކުންފުނީގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ކޮށްގެން އެ ސްޓޯލްގައި ފޮޓޯއެއް ނަގާ ފޭސްބުކްގައި ފޮޓޯ ޝެއަރ ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ލައިކްސް ލިބޭ ފަރާތަކަށް އަގު ބޮޑު އަންޑަރވޯޓަރ ޑްރޯނެއް ދޫކޮށްލުމަށް ނިންމާފައެވެ.
ބިލްޑެކްސް މޯލްޑިވްސްގެ ދެވަނަ އެކްސްޕޯއެއް ޖެހިގެން އަންނަ އަހަރުވެސް ބާއްވާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެ އެކްސްޕޯގެ ބައިވެރިން ވަނީ އެކްސްޕޯ އިންތިޒާމްކޮށް ކުރިއަށް ގެންދިޔަ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ދެވަނަ އެކްސްޕޯއެއް ބާއްވައިފި ނަމަ އެ އެކްސްޕޯގައިވެސް ބައިވެރިވާނެ ކަމަށް ގިނަ ކުންފުނި ތަކަކުން ވަނީ ބުނެފައެވެ.