ދިވެހިބަސް އުފެދި ކުރިއަރައި ދިޔަ ގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ދިވެހި ބަހުގެ މޯފޮލަޖީ ފޮތުގެ ތަރުޖަމާގެ ފުރަތަމަ ބައި ދިވެހިބަހުގެ އެކެޑަމީން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.
ހޯމަ ދުވަހު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ދިވެހި ބަހުގެ އެކެޑަމީގެ ފަރާތުން މި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ ފޮތް ތަރުޖަމާކުރެއްވި ނާޒިމް ސައްތާރެވެ.
ދިވެހި ބަހުގެ މޯފޮލަޖީ ފޮތަކީ ސޮންޔާ ފްރިޓްޒް ނަމަކަށް ކިޔާ ޖަރުމަނު ވިލާތުގެ ބޭފުޅަކު، 2002 ވަނަ އަހަރު ޝާޢިއުކޮށްފައިވާ އޭނާގެ ޕީއެޗްޑީ ތީސީސް ނުވަތަ ފިކުރާތުގެ ތަރުޖަމާއެކެވެ. އޭނާގެ ފިކުރާތު ބިނާކުރައްވާފައި ވަނީ ދިވެހިބަސް އުފެދި ކުރިއަރައި ދިޔަ ގޮތުގެ މައްޗަށެވެ. މި ދިރާސާގައި އެވޭލާ އަކުރާއި ދިވެސްއަކުރާއި ތާނައިން ލިޔެކިޔުމުގައި ބޭނުންކޮށްފައިވާ ހަމަތައް ދިރާސީ ގޮތެއްގައި ގެނެސްދީފައިވެއެވެ، މީގެއިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޚާއްޞަ ބަހުރުވަތައް އުފެދިގެން އައިގޮތާއި މައި ބަހާއި އެ ބަހުރުވަތަކާ ހުރި ގުޅުންތައް މި ފޮތުގައި ދިރާސީ ގޮތެއްގައި ގެނެސްދީފައިވެއެވެ.
މި ފޮތުގައި ދިވެހި ބަހާ ސިންހަޅަ ބަހާއި ހުރި ގުޅުމުގެ މައްޗަށާއި ދިވެހިބަސް އުފެދިގެން އައުމުގައި އައްޑޫ، ފުވައްމުލައް އަދި މާލޭގައި ވާހަކަދައްކަމުން އައި ބަހުރުވަތަކުގެ ނުފޫޒު ބޮޑުކަން ފާހަގަކޮށްފައިވެއެވެ.
މި ފޮތަކީ މިހާރު ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ދިވެހި ބަހާއި ބެހޭ ޢިލްމު ކިޔަވައިދިނުމުގައި ބޭނުންކުރަމުން އަންނަ ފޮތެއްވެސް މެއެވެ.