ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އީދު ޗުއްޓީ އަށް މިއަދު ސްރީލަންކާ އަށް ފުރާވަޑައިގަންނަވައިފިއެވެ.
ރައީސްގެ އަމިއްލަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަވަނީ ހޮނިހިރު ދުވަހު އެވެ. ރައީސް ސޯލިހު ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ޒިޔާރަތް ކުރައްވާފައެވެ. އެ ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނަގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސް ލަންކާ އަށް ޗުއްޓީ އަށް ވަޑައިގަންނަވާއިރު، އަންގާރަ ދުވަހުގެ ރޭ އެމަނިކުފާނު ވަނީ ރާއްޖެއާ ލަންކާ އަށް ދެމެދު ކުޅުން ވޮލީ ބޯޅަ މެޗް ބައްލަވާލައްވާފަ އެވެ.
އެ މެޗަށްފަހު ގައުމީ ޓީމުގެ ކުޅުންތެރިޔާ އަޙްމަދު ޢަބްދުލްކަރީމް (ލޯންގޭ) ކުޅުން ހުއްޓާލުމާއި ގުޅިގެން އޭނާގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ވޮލީބޯޅަ އެސޯސިއޭޝަނުން ދޭ ޝީލްޑް ރައީސް ސޯލިހު އޭނާއާ ހަވާލުކޮށްދެއްވި އެވެ. އަދި ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އޭނާ ބޭނުން ކުރެއްވި ޖާޒީގައި ވެސް އެރަސްމިއްޔާތުގައި ރައީސް ސޮއިކޮށްދެއްވި އެވެ.