ސަލާމަތީގޮތުން ދިވެހިރާއްޖެއާއި ޔޫރަޕުގެ އިއްތިޙާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިމަޝްވަރާތައް ކުރެއްވީ ބުރާސްފަތި ދުވަހު ޔޫރަޕުގެ އިއްތިހާދުގެ ޚާރިޖީ އަދި ސަލާމަތީ ސިޔާސަތާ ބެހޭ މަތީ ވެރިޔާ، އަދި އެ އިއްތިހާދުގެ ކޮމިޝަންގެ ނައިބު ރައީސާ، ފެޑެރިކާ މޮގެރީނީ، ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައެވެ.
މިބައްދަލުވުމާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީން ބުނީ ދެ ބޭފުޅުންވަނީ، ސަލާމަތީގޮތުން ރާއްޖެއާއި ޔޫރަޕުގެ އިއްތިހާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި މިމައްސަލަތައް ހައްލުކުރާނެ ގޮތްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ރާއްޖެއާއި ޔޫރަޕުގެ އިއްތިހާދާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ބައްދަލުވުމުގައި، މިނިސްޓަރު މާރިޔާގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ފެޑެރިކާ ވަނީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ ވެސް ބައްދަލުކުރައްވާފައެވެ. އަދި އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވި އެވެ.
ފެޑިރިކާ ވަނީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ވެސް ކުރައްވާފައެވެ.