މިނިވަން ނިވްސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާނަށް ވީގޮތް ރަސްމީ ސިފައެއްގައި ދައުލަތުގެ ފަރާތުން ހާމަކޮށް އިންސާފު ގާއިމްކުރެވެން ކިތަންމެ ގިނަ އަހަރުތަކެއް ނެގި ނަމަވެސް، އެ އަޒުމުގައި ތިބޭނެ ކަމަށް ރިލްވާންގެ އާއިލާއިން ބުނެފިއެވެ.
މިހެން ރިލްވާނުގެ އާއިލާއިން ބުނެފައިވަނީ އޭނާ ގެއްލުނުތާ ފަސް އަހަރު ފުރުމާއި ގުޅިގެން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައެވެ.
މި ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެން، ރިލްވާންގެ މައްސަލަ ބެލުމުގެ އިތުރުން ގެއްލުވާލާފައިވާ އެހެން ފަރާތްތަކާއި މަރާލާފައިވާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކާ ޚާއްސަ ކޮމިޝަނެއް އެކުލަވާލި ނަމަވެސް އިންސާފު ލިބުމަށް ލަސްވެފައިވާ ކަމަށް އެ އާއިލާއިން ބުނެފައިވެއެވެ. ރިލްވާނުގެ އާއިލާއިން ވަނީ އިންސާފު ލިބުމަށް ލަސްވެފައި އޮތުމަކީ އިންސާފަށް އެޅޭ ހުރަހެއް ގޮތުގައި ސިފަކޮށްފައެވެ.
ރިލްވާނުގެ މައްސަލާގައި ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލި ކަމަށް ތުހުމަތުކުރެވޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމާއި ގުޅިގެން އޭނާގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި މައްސަލާގައި ތުހުމަތު ކުރެވުނު އިތުރު މީހުން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވުމަކީ އިންސާފު ގާއިމު ކުރުމަށް އެކަށީގެންވާ މަސައްކަތް ކުރުމަށް ދައުލަތުން ފެއިލްވަމުންދާ ކަމަށް ގަބޫލު ކުރެވޭ ކަމެއް ކަމަށް އެބަޔާނުގައިވެއެވެ.
މި ބަޔާނުގައި މި ކަންތައްތައް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ގޮވާލާފައިވެއެވެ. އަދި ރިލްވާން ވަގަށް ނެގުމުގެ މައްސަލާގައި އަމަލީ ގޮތުން ބައިވެރިވީ މީހުންނާއި، އެ މައްސަލަ ތަހުގީގު ކުރުމުގައި އިހުމާލުވީ ފުލުހުންނާއި، ފުލުހުންގެ ޝަކުވާ ބަލައި ފިޔަވަޅު އެޅުމަށް އިންކާރުކުރި އޭރުގެ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުންނާއި ރިލްވާންގެ މައްސަލައިގައި ތުހުމަތު ކުރެވުނު މީހުން މިނިވަން ކޮށްދިން ފަނޑިޔާރާއި ހުރިހާ ފަރާތެއްގެ މައްސަލަތައް ގާނޫނާއި ގަވާއިދުގެ ދަށުން ތަހުގީގުކޮށް އިންސާފު ގާއިމްކޮށްދިނުމަށް ވެސް ގޮވާލާފައިވެއެވެ.
ރިޟްވާން ވަގަށް ނެގުމުގެ މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވީ މީހުންނާއި، އެ މައްސަލަ ތަހުޤީޤު ކުރުމުގައި އިހުމާލުވީ ފުލުހުންނާއި ފުލުހުންގެ ޝަކުވާ ބަލައި، ފިޔަވަޅު އެޅުމަށް އިންކާރުކުރި އޭރުގެ ޕޮލިސް އިންޓެގްރިޓީ/ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުންނާއި، ރިޟްވާން ވަގަށް ނެގުމުގެ މައްސަލަައިގައި ތުހުމަތު ކުރެވުނު މީހުން މިނިވަން ކޮށްދިން ފަނޑިޔާރާއި، މި އެންމެންގެ މައްސަލަތައް ޤާނޫނާއި ޤަވާއިދުގެ ދަށުން ތަހްޤީޤުކޮށް، އިންސާފު ޤާއިމްކޮށްދިނުމަށް ގޮވާލަމެވެ.ރިޟްވާން ގެ އާއިލާ
މީގެއިތުރުން ރިލްވާންގެ މައްސަލައިގެ ޝަރީއަތް، ދައުވާ ސާބިތު ނުވާކަމަށް ނިންމެވިއިރު ފުލުހުންގެ ތަހުގީގާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރުވާކުޑަ އަމަލުތައް ފާހަގަ ކުރެވިފައިވާ ކަމަށާއި އެކަންކަން ރަނގަޅުކޮށް މި މައްސަލަ އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ގެ އޮފީހުން ފަސްޖެހިފައި އޮތުމަކީ އިންސާފަށް އެޅިގެންދާ ވަރަށް ބޮޑު ހުރަހެއް ކަމުގައި އެބަޔާނުގައި ވެއެވެ. މީގެ އިތުރުން ތަހުގީގުގައި ހުރި މައްސަލަތައް ފާހަގަ ކުރެއްވި ފަނޑިޔާރު، އަލުން މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅުމަށް އަމުރެއް ނުކުރެއްވިކަމީ ސުވާލު އުފެދޭ ކަމެއް ކަމުގައިވެސް ބަޔާނުގައި ވެއެވެ.
އެންއައިސީ ގެ ކުރީގެ ރައީސް ޔޫސުފް މާނިއު އަކީ ރިލްވާން ގެއްލުވާލުމާއި ގުޅިގެން ހިންގި ޖިނާއީ ތަޙްޤީޤުގައި ހިމެނޭ އެއްފަރާތް ކަމުގައިވާ މުޙައްމަދު ސުއައިދު އާއި ޢާއިލީގޮތުން ގުޅިފައިވާފަރާތެއް ކަމަށްވުމުން އެމައްސަލަ އިންސާފުވެރިކޮށް ނިންމިދާނޭ ކަމަކަށް ޤަބޫލުނުކުރާ ކަމަށް ބުނެ، ރިލްވާނުގެ އާއިލާއިން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުޤައްރިރަށް ސިޓީއެއް ފޮނުވާފައިވާއިރު މި މައްސަލާގައި ތުހުމަތު ކުރެވިފައިވާ ދެ ފަރާތެއް ދޫކޮށްލުމުގައި ފަނޑިޔާރު އަބްދުﷲ ދީދީގެ އަތެއްވާ ކަމަށް ޖުޑިޝަލް ސާރވިސް ކޮމިޝަނަށް ފުލުހުން ވަނީ ސިޓީއެއް ފޮނުވާފައެވެ.
ނޫސްވެރިޔާ ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުއެވެ.