އަންނަ ހުކުރު ދުވަހުން ފެށިގެން ހދ.ކުޅުދުއްފުށި އެއަރޕޯޓަށް ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށަން ނިންމައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ކުޅުދުއްފުއްޓަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު މޯލްޑިވިއަނުން ނަންނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހުން ފެށިގެން ދުވާލަކު އެއް ފްލައިޓަށްވުރެ ގިނައިން ކޮންމެ ދުވަހަކު ވެސް ޝެޑިއުލް ފްލައިޓްތައް އޮންނާނެ ކަމަށެވެ.
އަންނަ ހުކުރު ދުވަހުން ފެށިގެން ކުޅުދުއްފުށި އެއަރޕޯޓަށް ފްލައިޓްތައް ފަށާނެކަމަށް ބުނެފައިވާއިރު މީގެ ކުރިން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މިއަހަރު ގިނަ އެއަރޕޯޓުތައް ހުޅުވިގެންދާނެ ކަމަށާއި، ކުޅުދުއްފުށި އެއަރޕޯޓު އަޟްހާ އީދަށް ހުޅުވައި ޚިދުމަތް ލިބޭނެ ކަމަށެވެ.
ކުޅުދުއްފުށީ އެއަރޕޯޓަކީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.
2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓްލުމަށް ދެ ދުވަހަށް ވެފައިވަނިކޮށް ކުޅުދުއްފުށީގެ އެއާޕޯޓް ނުނިމެނީސް ހުޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެއަރޕޯޓްގެ ރަންވޭ ނިމި ހުޅުވި ނަމަވެސް ދަތުރުތައް ނުފެށި އޮތީ ޓާމިނަލްގެ މަސައްކަތް ނުނިމޭތީއެވެ.