ރަސްފަންނުގެ ދުވާ ޓްރެކް ހެދުމަށްޓަކާ 9.5 މިލިއަން ރުފިޔާ އާސަންދައިން ހަރަދު ކުރި ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
އާސަންދަ ކުންފުނިން މިހެން ބުނެފައިވަނީ އަންގާރަ ދުވަހު އޮތް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒެސް ކޮމިޓީގެ ބައްދަލުވުމުގައެވެ. އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ރަޝީދު މިހެން ވިދާޅުވީ ކޮމެޓީގެ މެމްބަރެއް ކަމަށްވާ ބިލެތްދޫ ދާއިރާގެ މެމްބަރު އަޙްމަދު ޙަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އިބްރާހިމް ރަޝީދު ވިދާޅުވީ ސީއެސްއާރުގެ ދަށުން 9.5 މިލިއަން ރުފިޔާ އާސަންދައިގެ ސްކީމުން ހަރަދު ކުރި ކަމަށް ލިޔެ ކިޔުންތަކުން ދައްކާ ކަމަށެވެ. މި ހަރަދު ކޮށްފައިވަނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އެ ކުންފުންޏަށް ރަސްފަންނުގެ ދުވާ ޓްރެކު ހެދުމަށް ހަރަދު ކުރުމަށް އަންގާ ސިޓީއެއް ފޮނުވުމުން ކަމަށް ވެސް ވިދާޅުވިއެވެ.
އަދި މިފަދަ މައްސަލަތައް މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާސަންދަ އަކީ ހެލްތު އިންޝުއަރެންސް ސްކީމަކަށް ވެފައި، ހޮސްޕިޓަލްތަކުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކަށް ހަރަދު ކުރުމަށްޓަކާ އެ ކުންފުންޏަށް ފިނޭންސް މިނިސްޓްރީއިން ފައިސާ ދޭއިރު އެ ފައިސާ އިން ރަސްފަންނުގެ ދުވާ ޓްރެކެއް ހެދުމަށް އެ ކުންފުނިން ހަރަދު ކޮށްފައި ވުމުން ކޮމެޓީގެ މެމްބަރުންގެ ފާޑު ކިއުންތައް ވަނީ އަމާޒުވެފައެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސީއެސްއާރުގެ ދަށުން ފައިސާ ނަގާ، މެންޑޭޓުން ބޭރު ހަރަދުތަކެއް ކޮށްފައިވާ ކަން ފާހަގަ ކޮއްލެވެއެވެ. ރަސްފަންނު ހުޅުވާފައިވަނީ 2016 ވަނަ އަހަރު ރައީސް ޔާމީން ގެ ވެރިކަމުގައެވެ. މިއީ ރައީސް ޔާމީން ގެ ސަރުކާރުން ހިންގި އެންމެ ބޮޑު އެއް މަޝްރޫއެވެ.