އަޝްހާ އީދު ބަންދަށް ފަހު ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބޭފުޅުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކުރަން އަންގާރަ ދުވަހު ނިންމައިފި އެވެ.
އެ ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވީ، މީގެ ކުރިންވެސް އެފަރާތްތައް ކޮމިޓީ އަށް ހާޒިރުވާން ނޯޓިސް ފޮނުވާފައިވާ ކަމަށެވެ.
އެކަމަކު މިނިސްޓްރީގެ އިސްބޭފުޅުން ރަށުން ބޭރުގައި ތިއްބެވުމުން ވަޑައިގެންނެވިފައި ނުވާކަމަށް ވިދާޅުވި އެވެ. ދެ ދުވަހެއްގެ ތެރޭގައި މިނިސްޓްރީ އަށް ނޯޓިސް ފޮނުވަން ހަމަޖެހިފައިވާ ކަމަށާއި، ބޮޑަށް ލަފާކުރެވޭ ގޮތުން ކޮމިޓީގެ މެމްބަރުންނަށް އެ ބޭފުޅުންނާއި ބައްދަލު ކުރެވޭނީ އީދަށް ފަހު މި މަހުގެ 20 ވަނަ ދުވަހު ބާއްވާ އޮންނަ ކޮމިޓީގެ ޖަލްސާގައި ކަމަށް ފަލާހް ވިދާޅުވި އެވެ.
ކޮމިޓީން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްބޭފުޅުން ހާޒިރުކޮށް, އެމިނިސްޓްރީއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ނިންމާފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްފަރާތްތައް ހާޒިރު ކުރަން ކޮމިޓީން ނިންމާފައިވާއިރު، ޕާކިންގ މައްސަލާ އަށް އެކަށީގެންވާ ހައްލެއް ލިބިފައިނުވާތީ އާއި ސްޓިކާ ޖަހާ މައްސަލާގައި ބުދަ ދުވަހު އޮންނަ މަޖީލިހުގެ ޖަލްސާ އަށް މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރު ކުރަން ވަނީ ހަމަޖެހިފަ އެވެ. ނަހުލާއާ ސުވާލު ކުރަނީ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއަރްޕީގެ ލީޑަރު އަބްދުﷲ ޖާބިރް އެވެ.