ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ކުރީގެ ރައީސް ހަސަން ލުތުފީ ރާއްޖެއިން ބޭރުގައި ''ފިލާ'' ހުއްޓަސް އޭނާގެ މައްސަލަ ބަލައި އިންސާފު ކުރިމައްޗަށް ގެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ލުތުފީއަށް ބިރުދެއްކި ކަމަށް ތުހުމަތު ކޮށްފައިވާ އޯޑިއޯއެއް ލީކުވެފައިވާތީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހަށް ހުށައެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، ލުތުފީ ފިއްލަވައިގެން އުޅުއްވަނީ އޭނާ އަކީ ވެސް ކުރީ ސަރުކާރުން ހިންގާފައިވާ ވައްކަމާއި ހިޔާނާތުގައި ބައިވެރިވި ފަރާތްތަކުން ކޮށްފައިވާ ކަންތައްތައް ފޮރުވުމަށް އެހީވެދީފައިވާ ފަރާތެއް ކަމަށެވެ. މިސަރުކާރުން ލުތުފީގެ މައްސަލަ ބަލައި އޭނާ ރާއްޖެ ގެނެސް އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ މިއަދުގެ ސަރުކާރުން ލުތުފީވެސް ގެންނާނެ. ގާނޫނު އަރާ ލުތުފީއާ ހަމާ ކުރާނެ ބައިލަން އަގްވާމީ ފަރާތްތަކުން ލުތުފީ ރާއްޖެ ގެންނަން ވެސް އަދި ލުތުފީ ރާއްޖެ ގެންނަން ވެސް ލުތުފީގެ ކަންކަން ތަހުގީގު ކުރަންވެސް ދިވެހި ރާއްޖޭގެ މިއަދުގެ ސަރުކާރުން އެހީތެރިކަން ލިބޭނެ. ފިލާ އަދި ކޮންމެހެން އެހެން ހުއްޓެއް ކަމަކު އެކުރި ވައްކަން ތަކެއް ފަހެއް ނޭޅެނެއީވާ ޢަބްދުﷲ ~ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ~
އެ މައްސަލައިގެ ބަހުސްގައި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ ސައީދުއާ ލުތުފީއާ ދެ ބޭފުޅުން ވެގެން ޕާޓްނާޝިޕް ވިޔަފާރިއެއް ހިންގަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ.
އަދި ވިދާޅުވީ، ހޯމް މިނިސްޓަރު އިމްރާން އަކީ އެއްވެސް މީހަކަށް ބިރުދައްކަވާނެ ބޭފުޅެއް ކަމަށް ގަބޫލްނުކުރައްވާ ކަަމަށެވެ. އެހެން ނަމެވެސް ނިމިދިޔަ ސަރުކާރުގައި މީހުންނަށް ބިރު ދައްކާ މީހުން ފްރޭމް ކުރުމަކީ ފެންނަން އޮތް ހަގީގަތެއް ކަމަށާއި، ކުއްލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ އަކީ ގަބޫލުކުރެވޭ ޒާތުގެ މައްސަލަ އެއް ނޫން ކަމަށެވެ. ކުއްލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށައެޅުމަކީ ލުތުފީ ކޮށްފައިހުރި ''ވައްކަން'' ހާމަކޮށްދިނުމަށް ލިބުނު ފުރުސަތެއްކަން ރިޒާ ފާހަގަކުރެއްވި އެވެ.
ލީކުވެފައިވާ އޯޑިއޯއާ ބޭހެ ގޮތުން ސަންގު ޓީވީއަަށް ދިން އިންޓަވިއުއެއްގައި ލުތުފީ ވިދާޅުވީ، ފްރޭމް ކޮށްގެން ހައްޔަރު ކުރެވިދާނެ ކަމުގެ އިންޒާރު ދެއްވާފައިވަނީ ހޯމް މިނިސްޓަރު އިމްރާން ކަމަށެވެ. އޮފީހަށް ނިކުމެ ވަޑައިގަތުމުން ވެސް އިންޒާރު ދެއްވާފައިވާ ކަަމަށް ލުތުފީ ވަނީ ތުހުމަތުކޮށްފަ އެވެ.
ލުތުފީގެ ތުހުމަތުތަކަށް ޖަވާބު ދެއްވަމުން އާދިއްތަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި އިމްރާން ވިދާޅުވީ، މަގުމަތިން މީހަކަށް ކަރުގައި ހިފާ ބިރުދައްކައި ފްރޭމް ކުރާނެ ކަމަށް ބުނެ ބިރު ދައްކާ މިންވަރަށް ގަމާރުވެއްޖެ ކަމަށް ދިވެހި ރައްޔިތުން ގަބޫލުކޮށްފާނެ ކަމަށް ބަޔަކު ހީކުރީތީ އަންތަރީސް ވެއްޖެ ކަމަށެވެ.