ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަތައް ފޮރުވީ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ކަމަށް މެމްބަރު އިލްޔާސް ލަބީބް ތުހުމަތުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެރޭގެ ޖަލްސާއަށް ހުށަހެޅުނު ކުއްލި މައްސަލާގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން މެމްބަރު އިލްޔާސް ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފްގެ އެކައުންޓަކުން 1 މިލިއަން ޑޮލަރު ޖަމާވުމުން އެމްއެމްއޭއިން އޭސީސީއަށް އެކަން އެންގިކަމަށެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންގޮސް ފޮރުވީ ލުތުފީކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. އެގޮތުން އޭސީސީން އެމްއެމްޕީއާރުސީ ރިޕޯޓު އެކުލަވާލުމުން އެ ރިޕޯޓު ހިއްޕަވައިގެން ވަޑައިގަތީވެސް ރައީސް ޔާމީން އަރިހަށް ކަމަށާއި ރައީސް ޔަމީނާއި ދެބޭފުޅުން އެހެން ޓީމަކާއިއެކު އެހެން ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ފެށިކަމަށް އިލްޔާސް ވިދާޅުވިއެވެ.
އޭގެއިތުރުން އިލްޔާސް ވިދާޅުވީ ރައީސް ޔާމީން ރައްޔިތުންނަށް ބިރު ދައްކާ ނިކަމެތިކޮށް ބިކަ ކުރުމަށްޓަކާ މަސައްކަތް ކުރެއްވިއިރު ވެސް ލުތުފީ އިންނެވީ މަޑުން ކަމަށެވެ. އަދި އެވަރުގެ ބޭފުޅެއް މިހާރު އިންނެވީ ހޯމް މިނިސްޓަރު ބިރުދެއްކެވީ ކަމަށް ވިދާޅުވެ، ރާއްޖެއިން ބޭރުގައި ފިއްލަވައިގެން ކަމަށް ވިދާޅުވެ މެމްބަރު އިލިޔާސް ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފަ އެވެ.
ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެވެ. އެ މައްސަލާގައި ބުނެފައިވަނީ ލުތުފީއަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ބިރުދެއްކެވި ކަމަށެވެ.
މައްސަލަ ހުށަހެޅުއްވިއިރު ހޯމް މިނިސްޓަރު ސިޔާސީ ވާދަވެރިން ނައްތާލުމަށް މަސައްކަތްކުރައްވާކަމަށް ވިދާޅުވެފައިވުމުން އެކަމަށް ރައްދުދެއްވައި މެމްބަރު އިލްޔާސް ވަނީ ލުތުފީ ހުންނެވީ ސިޔާސީ މަޤާމެއްގައިތޯ ސުވާލު އުފައްދާފަ އެވެ. އަދި މިނިވަން މުއައްސަސާތަކުގެ ވެރިން ޒިންމާދާރު ކުރުމަކީ މަޖިލީހުގެ މައްސޫލިއްޔަތެއް ކަމަށާއި 19 ވަނަ މަޖިލީހުގައި އެކަން ކުރައްވާނެ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.
އިލިޔާސް ވިދާޅުވި ގޮތުގައި ލުތުފީ އަށް ދިވެހިންގެ ފަސްގަނޑުގައި ފައި ޖައްސާލަން ނުކެރެނީ ކުރެވިފައިވާ އަމަލުތަކުގެ ސަބަބުންނެވެ.
މި ކުއްލި މައްސަލަ ހުށަހެޅުއްވުމުން މަޖިލީހުގެ ގިނަ މެމްބަރުންގެ ފާޑު ކިއުންތަކެއް ވަނީ މައްސަލަ ހުށަހެޅުއްވި މެމްބަރު ސައީދަށްވެސް އަމާޒުވެފަ އެވެ. އަދި މެމްބަރުން ވަނީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދިފާއުކުރައްވާ ވާހަކަފުޅުދައްކަވާފަ އެވެ.