ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް، ޓަގު ބޯޓެއްގައި އިންޑިއާއަށް ވަޑައިގެންނެވުމުން ހައްޔަރުކޮށްގެން ގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދުގެ މުއްދަތު ޖެހުން މިއަދު 6 ޖަހާއިރަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ދައުލަތުން ކޯޓުގައި އެދޭނީ އަދީބުގެ މުއްދަތު 15 ދުވަހަށް އިތުރު ކުރުމަށެވެ. އާ ކޯޓު އަމުރެއްގެ ދަށުން އަދީބު ހައްޔަރު ކޮށްގެން ދޫނިދޫއަށް ގެންގޮސް ފައިވަނީ މިއަދު ހެނދުނު 6:30 ހާއިރުއެވެ.
އަދީބު ފުރަތަމަ ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު ޖަހައިދިނުމަށް ދައުލަތުގެ ފަރާތުން ރޭ ދަންވަރު އެދުމުން މުއްދަތު ނުޖަހާ އޭނާ ދޫކޮށްލުމަށް ކޯޓުން އަމުރުކުރީ އެމަނިކުފާނު ހައްޔަރު ކުރެވޭނެ ތަނެއް ނެތްކަމަށް ބުނެއެވެ. އެއީ ޓަގް ބޯޓުގައި ފިލައިގެން ދިއުމުން ހައްޔަރު ކޮށްފައިވަނީ ގާނޫނާއި ޚިލާފަށް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ވެފައިވާތީ ކަމަށް އެކޯޓުން ނިންމިއެވެ.
އެނިންމުމާއެކު ފުލުހުން އަނެއްކާވެސް ރޭ އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފައިވެއެވެ.
އަދީބު އަލުން ހައްޔަރުކޮށްގެން ގެންދިޔައީ ކުރިން ވެސް ހައްޔަރުކުރި ތުހުމަތުގައި އެވެ. އެއީ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖެއިން ފުރައިގެން ދިޔަ މައްސަލައިގައެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު ހައްޔަރުކުރީ ކުރިން އަމުރު ނެރެން އެދުނު އިޖުރާއަތްތަކަށް ބަދަލު ގެނައުމަށް ފަހުއެވެ. އަދީބު އަލުން ހައްޔަރުކުރީ އޭނާ ދިރިއުޅުއްވާ ގޭގައި ހުންނަވަނިކޮށް ފަތިހު 5:30 ހާއިރުއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން މީހަކު ހައްޔަރު ކޮށްފިނަމަ އޭނާގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ހައްޔަރުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ގާޒީއެއްގެ ކުރިމައްޗަށް ގެންނަން ޖެހޭނެކަމަށެވެ.
ތިން މައްސަލައެއްގެ 33 އަހަރުގެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް އަދީބު ވަނީ މިނިވަން ވެފައެވެ. ނަމަވެސް އޭނާގެ މައްޗަށް ކޮށްފައިވާ ޚިޔާނާތުގެ ހުކުމް ހައިކޯޓުން ބާތިލް ކޮށްފައިވާތީ އެހުކުމް ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ. އަދީބު ފިއްލެވީ އެމައްސަލައިގައި އެމަނިކުފާނު ބަންދުކުރުމުގެ އަމުރަކަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައި ވަނިކޮށެވެ.