މިނިވަން މުއައްސަސާތަކަށް އައްޔަންކުރާ މެމްބަރުން ވަކި ކުރުމާއި އައްޔަން ކުރުމަށް ވަކި ޚާއްސަ ކޮމިޓީއެއް އެކުލަވާލުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޚިޔާލު ފާޅު ކުރައްވާފައިވާ ކަމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މިނިވަން މުއައްސަސާތަކަށް އައްޔަންކުރެވޭ މެމްބަރުންނާއި އިންޓަރވިއު ކުރުމާއި، އަދި އެ މުއައްސަސާތަކަށް އައްޔަންކުރެވޭ ފަރާތްތައް ވަކި ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.
ރޮޒެއިނާ ވިދާޅުވީ ރައީސް ނަޝީދު މަޖިލީހުގެ ގަވާއިދަށް ގެންނަން ބޭނުންފުޅުވާ އިސްލާހު އާދީއްތަ ދުވަހުގެ ރޭ އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫފްގެ ބައްދަލުވުމުގައި ހިއްސާ ކުރައްވައިފައިވާ ކަމަށެވެ. އެ ބައްދަލުވުމާއި ގުޅޭ މައުލޫމާތު ރާއްޖެއެމްވީ އާއި ހިއްސާ ކުރައްވަމުން ރޮޒައިނާ ވިދާޅުވީ މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަނު ކުރުމަށް އިންޓަވިއު ކުރުމާއި ވަކި ކުރުމަށް ޙާއްސަ ކޮމެޓީއެއް އެކުލަވާލުމަށް ބޭނުންފުޅުވާކަމަށް، ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ގޮތަށް އެކުލަވާލެވޭ ކޮމިޓީ އެކުލަވާލެވިގެން ދާނީ ކޮމެޓީތަކުގެ މުގައްރިރުންނާއި ޕާޓީ ތަކުގެ ލީޑަރުންގެ އިތުރުން މަޖިލީހުގެ ރައީސް ހިމެނޭ ގޮތަށް ކަމަށް، ރޮޒެއިނާ ވިދާޅުވިއެވެ.
ހޯމަ ދުވަހު މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީ ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން އެ ފަރާތްތަކާއި މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއިން އިންޓަވިއު ކުރުމަށް ޝެޑިއުލް ކުރިއެވެ. ނަމަވެސް އެކަން މަޑުޖައްސާލީ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައި ޕީޖީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ލަފާފުޅުގެ މަތިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ހޯމަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ރޮޒެއިނާ ވަނީ އެ ކޮމިޓީގައި އެކަން މަޑުޖައްސާލުމަށް ނިންމާފައިވާކަން ހާމަ ކުރައްވާފައެވެ. އަދި ކޮމިޓީއަށް ހުށައަޅައި ކޮމިޓީގެ މެމްބަރުން އެދޭ ގޮތާއި މެދު މަޝްވަރާކުރެވުނެވެ. ކޮމެޓީގެ މެމްބަރުންގެ ޚިޔާލު ވެސް މި ކަމުގައި ތަފާތުވި ކަމަށް ވިދާޅުވިއެވެ. އެގޮތުން މަގާމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުން މަޖިލީހަށް ހާޒިރުވެ ތިއްބެވުމާއެކު ކޮމެޓީގެ ބައެއް މެމްބަރުގެ ޚިޔާލު ހުރީ ގަވާއިދަށް އައިސްދާނެ ބަދަލަކަށްޓަކާ ކޮމެޓީގެ މަސައްކަތް މަޑުޖައްސާލާފައި ނުބޭއްވޭނެ ކަމަށާއި އަނެއްބައި ބޭފުޅުންގެ ޚިޔާލު ހުރީ އިންޓަވިއު ކުރުމަކީ ބޭކާރު މަސައްކަތަކަށް ވުމުގެ ފުރުސަތު އޮތުމުން މަޖިލީހުގެ ރައީސް އާއި އެމްޑީޕީގެ ޕީޖީ ލީޑަރުގެ ލަފާ ހޯއްދެވުމަށް ފަހު ގޮތެއް ނިންމުމަށް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
އެކަމުގައި ރައީސް ނަޝީދުގެ ލަފާފުޅަކީ އަދި ގަވާއިދަށް ބަދަލު ގެނެވިފައި ނުވުމުން ކޮމެޓީގެ މަސައްކަތް ކުރިއަށް ގެންދިއުމަށާއި މިކަމުގައި ޕީޖީ ލީޑަރުގެ ޚިޔާލެއް ހޯއްދެވުމަށެވެ. ނަމަވެސް ޕީޖީ ލީޑަރު ވިދާޅުވީ އިންޓަވިއު ފަސްކުރުމަށް ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރުމަތިލުމުގެ ފުރުސަތު ހުޅުވާލެވުނީ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި ހަތަރު ނަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާން ކުރައްވާފައެވެ. އަދި ނަންތައް ދިރާސާ ކުރުމަށްޓަކާ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވާލެވުނީ 29 ޖުލައިގައެވެ.
އިންފޮމޭޝަން ކޮމިޝަނަރގެ މަގާމް މިވަގުތު ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތުމާއެކު އެކަމުގެ ކަންބޮޑުވުން ކޮމެޓީގެ މެމްބަރުންނާއި ކޮމެޓީގެ މުގައްރިރު ވެސް ވަނީ ފާޅުކުރައްވާފައެވެ. އަދި ކޮމެޓީގެ އެދުމަކީ މަސައްކަތްތައިގެން ކުރިއަށް ދެވޭނެ ގޮތް އެނގިގެން ދިއުން ކަމަށާއި. ކޮންމެ ފަރާތަކުން އިންޓަވިއު ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިޔަ ކަމުގައި ވިޔަސް މި މަސައްކަތް އަވަސް ކުރަން ޖެހޭ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.