ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް، ޓަގު ބޯޓެއްގައި އިންޑިއާއަށް ވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނެއްކާވެސް ހައްޔަރު ކޮށްފިއެވެ.
އާ ކޯޓު އަމުރެއްގެ ދަށުން އަދީބު ހައްޔަރު ކޮށްގެން ދޫނިދޫއަށް ގެންގޮސް ފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 6:30 ހާއިރުއެވެ. އޭނާ ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެންގޮސްފަ އެވެ.
އަދީބު ފިއްލެވީ އެމަނިކުފާނު ބަންދުކުރުމުގެ އަމުރަކަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައި ވަނިކޮށެވެ.އިންޑިއާގެ ޓުޓްކޮރިން ބަނދަރުން އެ ގައުމަށް އެތެރެވާން އުޅެނިކޮށް އަދީބު ހައްޔަރު ކޮށްފައިވަނީ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރު ކޮށްގެން ފުލުހުން މާލެ ގެނެސްފައިވަނީ އާދީއްތަ ދުވަހުގެރޭ 10 ޖަހާކަށް ހާއިރުއެވެ. ހައްޔަރު ކުރުމަށްފަހު އާދިއްތަ ދުވަހުގެރޭ 12:30 ހާއިރު ހައްޔަރު ކުރުމުގެ އަމުރަކަށް ދައުލަތުގެ ފަރާތުން ވަނީ އެދިފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ ހައްޔަރު ކުރެވޭނެ ތަނެއް ނެތްކަމަށް ބުނެ އޭނާ ދޫކޮށްލުމަށް އަމުރު ކޮށްފައެވެ.
ކޯޓުން އަދީބު މިނިވަންކުރުމުން އޭނާ ގެންދިޔައީ ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންއަށެވެ. އެތަނުގައި ހަރަކާތްތެރިވި ނޫސްވެރިން ބުނީ އަދީބު އެއިދާރާއިން ނެރުނީ ފަތިސްވާން އުޅެނިކޮށް ކަމަށެވެ. ފުލުހުންގެ އިދާރާއިން ނެރުމަށްފަހު އޭނާ ގެންދިޔައީ ދިރިއުޅުއްވާ ގެއަށެވެ. އެގޭގައި ގާތްތަނޑަކަށް ގަޑިއިރެއްހާއިރު ހޭދަވިއެވެ. އަދީބު ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައިވަނީ ހެނދުނު 6:30 ހާއިރުއެވެ.
އަދީބު އަލުން ހައްޔަރުކުރިއިރު ހައްޔަރު ކުރުމުގެ އާ އަމުރެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކްރިމިނަލް ކޯޓުން އަދީބު މިނިވަން ކުރުމަށް އަމުރުކުރި މަޖިލީހުގައި ފުލުހުން ބުނެފައިވެއެވެ.
އަދީބު އަލުން ހައްޔަރުކޮށްގެން ގެންދިޔައީ ކުރިން ވެސް ހައްޔަރުކުރި ތުހުމަތުގައި ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖެއިން ފުރައިގެން ދިޔަ މައްސަލައިގައެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު ހައްޔަރު ކުރީ ކުރިން އަމުރު ނެރެން އެދުނު އިޖުރާއަތްތަކަށް ބަދަލު ގެނައުމަށް ފަހުއެވެ.
އަދީބު ފިއްލެވީ އެމަނިކުފާނު ބަންދުކުރުމުގެ އަމުރަކަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައި ވަނިކޮށެވެ.