ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ފިއްލަވައިގެން ވަޑައިގެންނެވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލް އަފޫރުގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލައިފި އެވެ.
އާދިއްތަ ދުވަހުގެރޭ 12:30 ހާއިރު ފެށި ބަންދުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން އެދުނީ އަދީބް 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިދިނުމަށެވެ.
އަދީބަށް ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންގޮސްފައި ވަނީ، ސުޕްރީމް ކޯޓުން ނެރުނު އަމުރަކަށް އިމިގްރޭޝަނުން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖެ ދޫކޮށް ދިޔަ މައްސަލަ އާއި އެމްއެމްޕީއާރްސީގެ މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އާ އެކު ވެފައިވާ އެއްބަސްވުމާއި ހިލާފުވި މައްސަލަ އެވެ. އެ އެއްބަސްވުމުގު ދަށުން ތަހުގީގަށް އެއްބާރުލުން ދޭން އަދީބް ވަނީ އެއްބަސްވެފަ އެވެ.
އަދީބް ހައްޔަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޭރުންކަމަށް ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވަކީލުން ވަނީ ކޯޓުގައި އެއްބަސްވެފަ އެވެ. އަދި ހައްޔަރު ކޮށްފައިވަނީ ރާއްޖޭގެ ގާނޫނު ތަކާއި ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އެއްގޮތަށް ނޫން ކަމަށް ދައުލަތުގެ ވަކީލާ މަރިޔަމް ޝަހުމާ ވަނީ ވިދާޅުވެފަ އެވެ.
އެ މައްސަލަ ބެއްލެވި ގާޒީ އަލީ ރަޝީދު ވިދާޅުވީ، ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނު ބުނާ ގޮތުން އެ އުޅަނދަކަށް ހިނގަން ޖެހޭނީ އެ އުޅަނދު ގައި ދިދަ ނަގާފައިވާ ގައުމުގެ ގާނޫނެވެ. އަދީބް ހައްޔަރު ކުރި ޓަގު ބޯޓުގައި ނަގާފައިވަނީ އިންޑިއާގެ ދިދަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ކަނޑުގެ ގާނޫނަށް ރިޔާއަތް ކޮށް ގާޒީ ރަޝީދު އިތުރަށް ފާހަގަ ކުރެއްވީ އެ ބޯޓުގެ ރަޖިސްޓްރީ ކޮށްފައިވާ ގައުމެވެ. އެ ބޯޓަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިނުވާ ބޯޓަކަށްވާތިވެ އަދި އެއަކީ ރާއްޖޭގެ ގާނޫނު ނުހިނގާ ބޯޓަކަށްވާއިރު ގާޒި ނިންމެވީ އަދީބް ހައްޔަރު ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. ތިން ގަޑިއިރަށް ކުރިޔަށް ގެންދިޔަ އެ ޝަރިޔަތުގެ މަޖިލީހުގައި ގާޒި ނިންމެވީ އަދީބް އިތުރަށް ބަންދުގެ އަމުރު އިތުރު ނުކުރުމަށާއި، ބަންދުގައި ބަހައްޓަން އަމުރު ނެރެން ނެތް ކަމަށެވެ.