ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް، ޓަގު ބޯޓެއްގައި އިންޑިއާއަށް ވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެ ގެނައުމަށް ފަހު ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފިއެވެ.
އަދީބު މާލެ ގެނައީ ފުލުހުންގެ ބެލުމުގެ ދަށުން، ސިފައިންގެ އުޅަނދެއްގަ އެވެ.އަދީބާއި މެދު ފުލުހުން ކަނޑައަޅާނީ ކޮން ގޮތެއްކަން ސާފެއް ނުވެއެވެ.
އަދީބު ފިއްލެވީ އެމަނިކުފާނު ބަންދުކުރުމުގެ އަމުރަކަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައި ވަނިކޮށެވެ. ސުޕްރީމް ކޯޓުން އަމުރު ނެރެން ޕީޖީން އެދުނީ އަދީބު ފިއްލަވާފާނެ ސަބަބަކަށް ވެދާނެތީ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައިވެފައި ވެއެވެ.
އިންޑިއާގެ ޓުޓްކޮރިން ބަނދަރުން އެ ގައުމަށް އެތެރެވާން އުޅެނިކޮށް އަދީބު ހައްޔަރު ކޮށްފައިވަނީ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުއެވެ. އިންޑިއާގެ ނޫސްތަކުގައިބުނެފައި ވަނީ އަދީބު އިންޑިއާއަށް އެތެރެވާން އުޅުނީ ޓަގް ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ކަމަށެވެ.
ފުލުހުން އަދީބު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޝަރީއަތަށް ހުށައެޅިފައިވާ މައްސަލަތަކާއި ގުޅިގެން އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ކަނޑުމަގުން ފިލައިގެން ރާއްޖެއިން ބޭރަށް ދިޔަ މަގުމަތީގައި ހިފަހައްޓާފައިވާ ކަމަށެވެ. އަދީބު ފިލުވުމުގައި އެހީތެރިވި ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް އެފަރާތްތަކާއިމެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދީބުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުން ބުނެފައިވަނީ އޭނާއަށް ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމަށާއި މަޖުބޫރުން ސޮއި ކުރުވަނީ އޭނާ ނުކުރާ ކަމަށް މަޖުބޫރުން އިއުތިރާފު ކުރުވައިގެން ކަމަށެވެ. އަދީބު ވަނީ އދ.ގެ ހިމާޔަތަށް ވެސް އެދިލައްވާފައެވެ. ނަމަވެސް އިންޑިއާއިން ވަނީ އަދީބަށް ސިޔާސީ ހިމާޔަތް ނުދީ އެގައުމަށް ނާރުވާ އަނބުރާ ރާއްޖެ ފޮނުވާލާފައެވެ. އަދީބު ރާއްޖެއާ ހަވާލު ކުރީ ބޯޓުގައި ރާއްޖެ ސަރަހައްދަށް ގެންގޮސްފައި ކަމަށް އެ ގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދީބު ފިއްލަވައިގެން ގޮސްފައިވާ މައްސަލައާ ގުޅޭގޮތުން އެ އިދާރާއިން މިވަގުތަށް ހާމަކުރާ މައުލޫމާތު ބަޔާނެއްގެ ގޮތުގައި ހާމަ ކޮށްފައިވާ ކަމަށާއި އިތުރު މައުލޫމާތު ހާމަ ކުރަން ފުހުންނަށް ފެނިއްޖެ ނަމަ ފުލުހުން އިސްވެ އެ މައުލޫމާތު ހާމަ ކުރަމުން ގެންދާނެކަމަށެވެ. އަދި އަދީބުގެ މައްސަލާގައި އިތުރު އެއްވެސް ކޮމެންޓެއް ދިނުމަށް ފުލުހުން ވަނީ ދެކޮޅު ހަދާފަ އެވެ.
ފުލުހުން ވަނީ ހޮނިހިރު ދުވަހުގެ ރޭ އަދީބު ދިރިއުޅުއްވާ ގެ ވެސް ބަލާ ފާސް ކޮށްފައެވެ.