ރާއްޖެ އިން އިންޑިއާ އަށް ދިޔަ ޓަގު ބޯޓެއްގެ ފަޅުވެރިއަކަަށް ވެގެން ފިއްލަވަން މަސައްކަތް ކުރެއްވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އަބްދުލްޢަފޫރު ރާއްޖެ ގެނެސްފިއެވެ.
އަދީބް މާލެ ގެނެސްފައިވަނީ 10:15 ހާއިރުއެވެެ. ފުލުހުން ވަނީ އަދީބު ޝަހީދު އާދަމް ބިލްޑިން އަށް ހާޒިރުކޮށްފައެވެ.
އިންޑިއާގެ ސޫތު ކުޅިން އެ ގައުމުގެ ފުލުހުން އަދީބު ހައްޔަރު ކޮށްފައިވަނީ ބުރާސްފަތި ދުވަހު އެވެ. އެމަނިކުފާނު އިންޑިއާ އަށް ވަޑައިގަތުމަށް މަސައްކަތް ކޮށްފައިވަނީ އެ ގައުމުން ސިޔާސީ ހިމާޔަތް ހޯއްދެވުމަށް ކަމަށް އަދީބު ތަމްސީލު ކުރައްވާ އިނގިރޭސިވިލާތުގެ ވަކީލުންގެ ޓީމުން ވަނީ ބުނެފަ އެެވެ.
ސިޔާސީ ހިމާޔަތް ނުދެއްވާ އަދީބު ރާއްޖޭގެ ފުލުހުންނާއި ހަވާލުކޮށްފައިވަނީ ހޮނިިހިރު ދުވަހު އެވެ. އެ މައްސަލާގައި އިންޑިއާ އިން އަމަލު ކޮށްފައިވަނީ ބައިނަލް އަގްވާމީ ގާނޫނު ތަކާއި ގަވާއިދު ތަކާއި ހިލާފަށް ކަމަށް ވަކީލުންގެ ޓީމުން ވަނީ ބުނެފަ އެވެ. އަދީބު އިންޑިއަ އަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވި އިރު އިމިގްރޭޝަނުން ވަނީ އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓާފަ އެވެ.
ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގަންނަވަން އުޅުނު މައްސަލާގައި ހޮނިހިރު ދުވަހު ރޭ އަދީބު ދިރުއުޅުއްވާ އެޕާޓްމެންޓް ފުލުހުން ވަނީ ބަލާ ފާސްކޮށްފަ އެވެ. ކޯޓު އަމުރުގެ ދަށުން އެ އެޕާޓްމެންޓް ފާސްކޮށްފައިވަނީ އެ މައްސަލާގެ ހެއްކާއި ގަރީނާ ހޯދަން ކަމަށް މައުލޫމާތު ވަނީ ލިބިފައެެވެ.