އެމެރިކާގެ އޮހާޔޯ އަދި ޓެކްސަސް ސްޓޭޓްގައި ދިން ބަޑީގެ ތަފާތު 2 ހަމަލާއެއްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއި ގުޅިގެން އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗަރޑް ޕޮމްޕެއޯ އަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރ ޝާހިދުގެ މެސެޖްގައި، ކުށެއް ނެތް އާއްމުންގެ އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަހަމްވި އެ ހާދިސާގެ ހަބަރު އެއްސެވީ ފުން ހިތާމަޔާއި އެކުގައި ކަމަށް ވިދާޅުވިއެވެ.
ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ރައްދުކޮށް ދެއްވުމަށް ވެސް ޝާހިދު އެދިވަޑައިގެންނެވި އެވެ. ޒަހަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރ ޝާހިދުގެ މެސެޖް ގައި ވިދާޅުވި އެވެ.
ޓެކްސަސްގެ އެލްޕަސޯގެ ''ސިއެލޮ ވިސްޓާ'' ޝޮޕިން މޯލް އަށް ހަތިޔާރު އަޅައިގެން ހުރި މީހަކު ދިން ހަމަލާގައި 20 މީހަކު މަރުވެ 26 މީހަކު ޒަހަމްވެފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. ޓެކްސަސްގެ އޮފިޝަލުން ބުނީ، ހަމަލާ ދިން މިހާ ހައްޔަރު ކޮށްފައިވަނީ މޯލްއާ އަށްކިލޯ މީޓަރު ދުރު އޮންނަ އެމެރިކާއާ މެކްސިކޯއާ ގުޅޭ ބޯޑަރުގެ ޗެކް ޕޮއިންޓަކުން ކަމަށެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 21 އަހަރުގެ ޓެކްސަސްގެ އެލެން ނަމަކަށް ކިޔާ މީހެއްކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
އެ ހަމަލާ ދިންތަނާ މާ ގިނަިއރު ނުވަނީސް އޮހާޔޯގެ ކާރުބާރު ބޮޑު ސަރަހައްދަކަށް ދިން ހަމަލާއެއް ގައި ނުވަ މީހަކު މަރުވެ 26 މީހަކު ވަނީ ޒަހަމްވެފަ އެވެ. ހަމަލާދިން މީހާ މަރާލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.