ހަތަރު ވަނަ މިޔަހެލި – ސޯޝިއަލް އިނޮވޭޝަން ކޭމްޕު އޯގަސްޓް މަހުގެ 29 އިން 31 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހި ޒުވާނުން ބާރުވެރިކުރުވާ އެދެވޭ ބަދަލުތައް ގެނައުމުގައި މުޖްތަމައުގެ ބައިވެރިވުން އިތުރުކުރުމަށް ޒުވާނުންނާއި ކަމާބެހޭ މާހިރުން އެއްތަންވެ މުޖުތަމައުއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރުމުގެ ގޮތުން ޔުނައިޓަޑް ނޭޝަންސް ޑެވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ކުރިއަށް ގެންދާ މިހަރަކާތުގެ މިއަހަރުގެ ތީމް އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމެވެ.
ތިން ދުވަހުގެ މި ކޭމްޕު ކުރިއަށް ގެންދާނީ މައިގަނޑު ތިން ދާއިރާކަށް އިސްކަންދީގެންނެވެ. އެއީ، މާއްދީ ގޮތުން ނުވަތަ މާހައުލުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިވާ ހުރަސްތަކާ، މުއާސަލާތު ކުރުމުގައި އަދި މައުލޫމާތު ލިބިގަތުމުގައި އެ މީހުންނަށް ކުރިމަތިވާ ހުރަސްތައް އަދި މުޖްތަމައު އިން ދެކޭ ގޮތުން ކުރިމަތިވާ ހުރަސްތަކެވެ.
ޔޫއެންޑީޕީ އިން ބުނީ މުޖްތަމައުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާންމު ދިރިއުޅުމަށް ވަރަށް ގިނަ ގޮންޖެހުންތައް ދިމާވާ ކަމަށާއި މި އަހަރުގެ މިޔަހެލި ކޭމްޕުގެ އަމާޒަކީ ޒުވާނުންނާއި ގުޅިގެން މިފަދަ ގޮންޖެހުންތަކާ ކުރިމަތިލާ ދެމެހެއްޓެނިވި ހައްލެއް ހޯދާނެ ފުރުސަތު ފޯރުކޮށްދިނުން ކަމުގައެވެ.
މި ކޭމްޕުގައި ހުށައެޅޭ ހިޔާލުތަކުގެ ތެރެއިން އެންމެ މޮޅު ހިޔާލުތައް ފާހަގަކޮށް އެއްވަނަ، ދެވަނަ އަދި ތިން ވަނަ ލިބޭ ފަރާތްތަކަށް ސީޑް ފަންޑިންގް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއްވަނަ އަދި ދެވަނަ އަށް ފަރާތްތަކަށް ޔޫ.އެން.ޑީ.ޕީގެ ރީޖަނަލް ޕްރޮޖެކްޓް - ޔޫތު ކޯ-ލެބްގެ ދަށުން ހިންގާ ރީޖަނަލް ސްޕްރިންގްބޯޑް ޕްރޮގްރާމްގައިބައިވެރިވުމުގެ ފުރުސަތުގެ އިތުރުން މަސައްކަތް ކުރިއަށްދާގޮތް ބަލާ ޔޫތު ކޯ-ލެބް ސަމިޓް 2020 ގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިޔަހެލި – ސޯޝިއަލް އިނޮވޭޝަން ކޭމްޕު 2019 ކުރިއަށް ކުރިއަށް ގެންދަނީ ޔޫ.އެން.ޑީ.ޕީ، އުރީދޫ މޯލްޑިވްސް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މިނިސްޓްރީ އޮފް ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް، ޔޫތް ކޯ-ލެބް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާރސަންސް ވިތު ޑިސްއެބިލިޓީސް، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާރޑް ސޮސައިޓީ އޮފް މޯލްޑިވްސް ،އަދި ވެލްނެސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުނިގެންނެވެ.
މި ކޭމްޕް ގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް 7 އޮގަސްޓްގެ ނިޔަލަށް ގޫގުލް ފޯރމް މެދުވެރިކޮށް ހިޔާލު ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.