ހދ.ނޮޅިވަރަންފަރުގައި އިމާރާތް ކުރަމުންދާ ހައުސިން ޔުނިޓްގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 60 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް ނޮޅިވަރަންފަހު ކައުންސިލްގެ ނައިބް ރައީސް އަހުމަދު ވަހީދު ވިދާޅުވީ އެރަށުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް މިހައުސިން ޔުނިޓްތަކުގެ ސަބަބުން ހައްލު ލިބޭނެ ކަމަށެވެ. ވަހީދު ވިދާޅުވީ 160 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރަމުންދަނީ ދެފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.
އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން އިމާރާތް ކުރާ 60 ހައުސިން ޔުނިޓްގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް ވަހީދު ވިދާޅުވިއެވެ. ކޮންޓްރެކްޓަރާ ހަވާލާދީ ވަހީދު ވިދާޅުވީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، މަސައްކަތް އެއްކޮށް ނިންމާ ހައުސިން ޔުނިޓްތައް ހަވާލުކުރެވޭނެ ކަމަށެވެ.
ވަހީދު ވިދާޅުވީ ދެވަނަ ފިޔަވަހީގެ ދަށުން އިމާރާތް ކުރާ 100 ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފަށާނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމުން ކަމަށެވެ. ނޮޅިވަރަންފަރުގައި އިމާރާތް ކުރާ ހައުސިން ޔުނިޓްތަކުގެ ތެރެއިން 52 ހައުސިން ޔުނިޓްތައް ޚާއްސަކޮށްފައިވަނީ އެރަށަށް ދިރިއުޅުން ބަދަލުކޮށްފައިވާ ރައްޔިތުންނަށެވެ.