ޓެކްސް ނެގުމާ ބެހޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް މިދިޔަ އަހަރުގެ ތެރޭގައި ގަވާއިދުން ޓެކްސް ދެއްކި 17 ކުންފުންޏަކަށް "ރަން ލާރި އެވޯޑު" ދީފި އެވެ.
ރަން ލާރި އެވޯޑަކީ ކޮންމެ އަހަރަކު ވެސް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތަކަށް މީރާ އިން ދެމުން އަންނަ އެވޯޑެކެވެ. މި އަހަރު ރަންލާރި އެވޯޑް ވަނީ 11 ގިންތިއަކުން 17 ފަރާތަކަށް ލިބިފައެވެ.
މީރާއަށް ނުވަ އަހަރު ފުރުމުގެ މުނާސަބަތުގައި ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ރަންލާރި އެވޯޑް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހްމާން ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދުއެވެ.
ޓޫރިސްޓު ރިސޯޓުތަކުގެ ތެރެއިން 150 އަށް ވުރެ މަދު އެނދު ހުންނަ ކެޓަގަރީން އެވޯޑް ލިބުނީ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓަށެވެ. އަދި 150 އާއި 250 އާއި ދެމެދުގެ ކެޓަގަރީން ފޯ ސީޒަން ލަނޑާގިރާވަރަށް އެވޯޑް ލިބުނު އިރު، 250 އަށް ވުރެ ގިނައިން އެނދު ހުންނަ ރިސޯޓުތަކުގެ ކެޓަގަރީން އެވޯޑް ލިބުނީ ކުރަމަތި މޯލްޑިވްސްއަށެވެ.
ޓްރެވަލް އެޖެންސީގެ ކެޓަގަރީން އެވޯޑް ލިބުނީ އިންޓުއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެންމެ ގިނައިން ޓެކްސް ދެއްކި ޓޫރިސްޓު ހޮޓެލްގެ އެވޯޑު ހުޅުލޭ އައިލެންޑް ހޮޓެލަށް ލިބުން އިރު އެންމެ ގިނައިން ޓެކްސް ދެއްކި ޓޫރިސްޓު ގެސްޓް ހައުސްގެ އެވޯޑު ލިބުނީ ތުލުސްދޫގައި ހިންގާ ސީޒަން ޕެރަޑައިސްއަށެވެ. އަދި އެންމެ ގިނައިން ޓެކްސް ދެއްކި ޓޫރިސްޓް ވެސެލްގެ އެވޯޑު ލިބުނީ ފޯ ސީޒަންސް އެކްސްޕްލޯރާ ސަފާރީއަށެވެ. އަދި ޑޮމެސްޓިކް އެއާ ޓްރާސްޕޯޓް ކެޓަގަރީން ވަނީ ޓްރާންސް މޯލްޑިވްސް އެއާވޭސް އަށް އެވޯޑް ލިބިފައެވެ.
އެކި ފަންތީގެ ވިޔަފާރިތަކުގެ ކެޓަގަރީ އިން ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދެއްކި ކުންފުންޏަކަށް ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އަށް ރަން ލާރި އެވޯޑު ހަވާލުކުރިއިރު މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކައިގެން އެ އެވޯޑު ލިބުނީ ޑީ ބްލޫ މެރިން އަށެވެ. ކުދި ވިޔަފާރިތަކުގެ ތެރެއިން އެ އެވޯޑު ހާސިލް ކުރީ އަހުމަދު ވަހީދު ގ.އޮޓޯގަރާޖް، އޮޓޯ ޕާޓްސް ގެލޯ އަށެވެ.
މީގެ އިތުރުން، ވިތު ހޯލްޑިންގްސް ޓެކްސް އެންމެ ގިނައިން ދައްކައިގެން ޓިއެމްއޭއަށް އެވޯޑު ލިބުނު އިރު ބޭންކް ޕްރޮފިޓް ޓެކްސް އެންމެ ގިނައިން ދައްކައިގެން އެވޯޑު ހާސިލް ކުރީ ބޭންކް އޮފް މޯލްޑިވްސް އިންނެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެ އެ އެވޯޑު ހާސިލް ކުރީ ދިރާގުންނެވެ.
މީގެ އިތުރުން އެންމެ ގިނައިން ބީޕީޓީ ދެއްކި ތިން ވިޔަފާރިއަށްވެސް ހުކުރު ދުވަހުގެރޭ ވަނީ އެވޯޑް ދީފައެވެ. އެންމެ ގިނައިން ބީޕީޓީ ދައްކައިންގެ ރަންލާރި އެވޯޑް ލިބުނު ވިޔަފާރިތަކަކީ އުރީދޫ މޯލްޑިވްސްގެ އިތުރުން ޓީއެމްއޭ އަދި ޔުނިވާސަލް އެވެ.