ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ސީޝެލްސްއަށް ކުރައްވަމުންގެންދާ ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސީޝެލްސްގެ ނެޝަނަލް ހިސްޓްރީ މިއުޒިއަމާއި ޕަރސަވަރެންސް ސެކެންޑްރީ ސްކޫލަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ ބައެއް ފަރާތްތަކާއި ކިޔަވާކުދިންނާ ހުކުރު ދުވަހު ބައްދަލުކުރައްވައިފިއެވެ.
ސީޝެލްސްގެ މިއުޒިއަމަށް ކުރެއްވި ޒިޔާރަތުގައި ރައީސްގެ އަނބިކަނބަލުން ވަނީ މިއުޒިއަމްގައި ހުރި ސީޝެލްސްގެ މުއްސަނދި ޝަޤާފަތް ދައްކުވައިދޭ ތަކެތި ބައްލަވާލައްވާފައެވެ.
އޭގެއިތުރުން ރައީސްގެ އަނބިކަނބަލުން ޕަރސަވަރެންސް ސެކަންޑަރީ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި އެ ސްކޫލު ބައްލަވާލެއްވުމުގެ އިތުރުން އެޤައުމުގެ ތައުލީމީ ބައެއް ސިޔާސަތުތަކާއި އަދި ތައުލީމީ ދާއިރާގައި އެންމެ އިސްކަންދޭ ކަންކަމުގެ މަޢުލޫމާތު ވަނީ އޮޅުންފިލުއްވާފައެވެ. މި ޒިޔާރަތުގައި ރައީސްގެ އަނބިކަނބަލުންގެ އަރިހުގައި ސީޝެލްސްގެ އެޑިއުކޭޝަން އެންޑް ހިއުމަންރިސޯސް ޑިވެލޮޕްމެންޓް މިނިސްޓަރ ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިއަދު ސީޝެލްސްގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒަށް ޒިޔާރަތްކުރައްވައި ޕްރިންސިޕަލް ސެކްރެޓަރީއާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.