ޓަގު ބޯޓެއްގައި ފިިލައިގެން އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އިންޑިއާއިން ހައްޔަރު ކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
އެކަމާއި ގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޝަރީއަތަށް ހުށައެޅިފައިވާ މައްސަލަތަކާއި ގުޅިގެން އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ކަނޑުމަގުން ފިލައިގެން ރާއްޖެއިން ބޭރަށް ދިޔަ މަގުމަތީގައި ހިފަހައްޓާފައިވާ ކަމަށެވެ. އަދީބު ފިލުވުމުގައި އެހީތެރިވި ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް އެފަރާތްތަކާއިމެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އަށް އެއިދާރާއަށް ހާޒިރުވާން އޭނާއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ތަހުގީގަށް ހާޒިރު ނުވެ ރާއްޖެއިން ފިލާފައިވަނީ ކަނޑުމަގުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އިންޑިއާގެ ޓުޓްކޮރިން ބަނދަރުން އެ ގައުމަށް އެތެރެވާން އުޅެނިކޮށް އަދީބު ހައްޔަރު ކޮށްފައިވާއިރު އިންޑިއާގެ ނޫސްތަކުގައިބުނެފައިވަނީ އަދީބު އިންޑިއާއަށް އެތެރެވާން އުޅުނީ ޓަގް ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ކަމަށެވެ. އެނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ވަރގޯ-9 ކިޔާ އެ ޓަގުބޯޓުގައި އަދީބުގެ އިތުރުން 9 ފަޅުވެރިއަކު ތިއްބެވެ.
އަދީބު އިންޑިއާއަށް ގޮސްފައިމިވަނީ އޭނާގެ މައްޗަށް ހުރި ޖަލު ހުކުމްތައް ހައިކޯޓުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ. ހައިކޯޓުން ބާތިލްކުރި އަދީބުގެ 33 އަހަރުގެ ހުކުމްގެ ތެރެއިން ޚިޔާނާތްތެރިވި މައްސަލައިގައި އަދީބުގެ މައްޗަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށް އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ވަގުތީ އަމުރަކަށް އެދިފައިވާތީ ގާނޫނީ އުސޫލުތަކާއި މައްސަލައިގެ ބާވަތަށް ރިއާޔަތްކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުން ނިމެންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން އެކޯޓުން ވަނީ އަމުރު ކޮށްފައެވެ.
މީގެ އިތުރުން ފުލުހުން ތަހުގީގު ކުރަމުންދާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރުސީ)ގެ މައްސަލައާއި ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރުސީއަށް ފައިސާ ނެގުމަށް ފަހު އެފައިސާއަށް ޚިޔާނާތްތެރިވެ އެފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު އެ އިދާރާއިން ދަނީ ކުރަމުންނެވެ.