ކ. މާލެ
|
1 އޯގަސްޓް 2019 | ބުރާސްފަތި 23:44
ކުރީގެ ރައީސް އަބްދުﷲ ޔާމީން ކާރުކޮޅަށް އަރައިވަޑައިގަންނަވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ކާރުކޮޅަށް އަރައިވަޑައިގަންނަވަނީ
ރާއްޖެ އެމްވީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރައީސް ޔާމީންގެ ޝަރީއަތް އަންނަ އާދީއްތަ ދުވަހު، އެ ޝަރީއަތް ވެސް ލައިވް ކުރާނެ
ޝަރީއަތް ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު
ދައުލަތުން ވަނީ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަފައީ ހެއްކާއި ކިތާބީ ހެކި ވެސް ހުށައަޅާފައި
މައްސަލަ ބައްލަވަނީ އިސް ގާޒީ ހައިލަމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށްކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ ދެވަނަ އަޑުއެހުން އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އަށް ތާވަލްކޮށްފި އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ މީޑިއާ އޮފިޝަލް ފައިސަލް އާދަމް ރާއްޖެ.އެމްވީއަށް ވިދާޅުވީ ކުރިން ބޭއްވި ޝަރީއަތެކޭ އެއްގޮތަށް އާދީއްތަ ދުވަހު އޮންނަ ޔާމީންގެ ޝަރީއަތް ވެސް ލައިވް ކުރާނެ ކަމަށެވެ.

އެ ދުވަހު ބޭއްވި ޝަރީއަތް ފަށާފައިވަނީ އިބްތިދާއީ އަޑުއެހުން ބޭއްވުމަށް ފަހުއެވެ.

ޝަރީއަތް ފެށުމުން ދައުލަތުން ވަނީ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަފައީ ހެއްކާއި ކިތާބީ ހެކި ވެސް ހުށައަޅާފައެވެ.

ޝަފައީ ހެކީގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އޭސީސީގެ ކުރީގެ ރައީސް ހުސަން ލުތުފީއާއި، އޭސީސީގެ ރައީސް މުއައްވިޒު ރަޝީދާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި، މުހައްމަދު ވަސީމާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ބީއެމްއެލްގެ ބޯޑް މެމްބަރުން ކަމަށްވާ މުހައްމަދު ލުވެއިޒް އާއި މުހައްމަދު ޝަރީފު ވަނީ ހެކިންގެ ގޮތުގައި ދައުލަތުން ހުށައަޅާފައެވެ.

ކިތާބީ ހެކީގެ ގޮތުގައި އޭސީސީއިން ހެދި އެސްކޮރޯ އެކައުންޓް އެއްބަސްވުމާއި، އޭސީސީގެ ތަހުގީގު ރިޕޯޓާއި، އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓާއި، ރައީސް ޔާމީން އޭސީސީއަށް ދިން ބަޔާނާއި، މައްސަލާގައި ހިމެނޭ ޓްރާންސްސެކްޝަންތަކުގެ ޗެކްތަކާއި، ސްލިޕްތަކާއި، ބޭންކް ސްޓޭޓްމެންޓްތަކާއި، ޔާމީންގެ މާލީ ބަޔާން ހުށައަޅާފައެވެ.

ރައީސް ޔާމީންގެ ފަރާތުން ދިފާއީ ހެކި ބޭނުންވާ ކަމަށް ބުނުމުން ގާޒީ ވަނީ އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ފަސް ދުވަސް ދެއްވާފައެވެ. އަދި ދެން ރައީސް ޔާމީންގެ ޝަރީއަތް ބާއްވާނެ ދުވަހަކަށް އަންނަ އޮގަސްޓް މަހުގެ 4 ވަނަ ދުވަސް ކަނޑައަޅާފައެވެ.

ބެލެވޭ ގޮތުގައި މި ޝަރީއަތުގައި ދެން އޮންނާނީ ދައުލަތުން ރައީސް ޔާމީނާއި ދެކޮޅަށް ހުށައެޅި ހެކިތަކާއި ރައީސް ޔާމީންގެ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ.

ރައީސް ޔާމީންގެ މައްސަލަ ބައްލަވަނީ ކްރިިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމެވެ.

- ކޮމެންޓް