މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އަކީ އޮންނަން ޖެހޭ މުއައްސަސާއެއް ތޯ މޯލްޑިވްސް މީޑިއާ ކައުންސިލް އިން ސުވާލު އުފައްދައިފިއެވެ.
މިގޮތަށް ކައުންސިލުން ބުނެފައި ވަނީ ބުދަ ދުވަހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމޭޓީގައި ވާހަކަ ދައްކަމުންނެވެ. އެގޮތުން ބްރޯޑްކާސްޓިންގް ކޮމިޝަން ގެ މަގްސަދަކީ ހަމައެކަނި އެޕްލިކޭޝަން ފޯމެއް ހުށަހަޅައިގެން ބްރޯޑްކާސްޓް ކުރާފަރާތްތަކަށް ލައިސެންސްއެއް ދިނުންކަމުގައި ވާނަމަ އެކަން ކުރަން ވަކިން ކޮމިޝަނެއް އުފައްދާ، ބޮޑު މުސާރަ ދީ، މެމްބަރުންނާއި އިދާރީ މެމްބަރުންގެ އިތުރުން ސެކެޓްރީ ޖެނެރަލް އެއް ހުންނައިރު އެ ކޮމިޝަނަކީ މުހިއްމު ކޮމިޝަނެއްތޯ ކައުންސިލް ގެ ރައީސް ހިދާޔަތުﷲ ވަނީ ސުވާލު އުފައްދާފައެވެ.
ގައުމެއްގެ މީޑިއާގެ ކަންތައްތައް ބަލަހަށްޓާ ކޮމިޝަނަކަށް ސިޔާސީ ނުފޫޒު ވަދެއްޖެ ނަމަ އެއީ އެގައުމަކަށް އަންނާނެ އެންމެ ބޮޑު ބިރުވެރިކަމުގެ ގޮތުގައި ހިދާޔަތުﷲ ވަނީ ސިފަކުރައްވާފައެވެ.
ކޮމިޓީ ބައްދަލުވުމުގައި ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް އެއްކޮށްލާ، މީޑީއާ ކޮމިޝަނެއް އުފެއްދުމާއި މެދު ކައުންސިލްގެ ޚިޔާލަކީ ކޮބައިތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ކޮމިޝަންގެ ނައިބު ރައީސް އަހްމަދް އާޒިފް ވިދާޅުވީ ބްރޯޑްކާސްޓިންގް ކޮމިޝަނާއި މީޑިއާ ކައުންސިލް އެއް މުއައްސަސާއެއް ގޮތުގައި އޮންނަން ފެންނަކަމަށެވެ.
އެގޮތުން އެ ކޮމިޝަންގައި ތިބެންވާނީ ރައީސުލް ޖުމްހޫރިއްޔާ އައްޔަނުކޮށް މަޖިލީހުން ރުހުން ދީގެން އައްޔަނު ކުރާ ފަރާތްތަކެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުއައްސަސާއަކަށް ވުމަށްޓަކާ ކޮމިޝަން އެކުލެވިގެން ވާންޖެހޭނީ އެކި މީޑިއާތަކުގެ ތެރެއިން އިންތިޚާބު ކުރެވެގިން ހޮވޭ މެމްބަރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.