ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ފަރާތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަހުމަދު ހައިލަމާއި ގުޅޭގޮތުން ހުށައެޅިފައިވާ އިތުރު ޝަކުވާއެއް އޮތުމުން އެ ޝަކުވާތަށް ބެލުމަށް ނިންމައިފިއެވެ.
ބުދަ ދުވަހު ބޭއްވި ޖޭއެސްސީގެ 50 ވަނަ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީއާ ބެހޭގޮތުން އިތުރު ޝަކުވާއެއް އައުމުން މިހާރު ބަލަމުންދާ ޝަކުވާގެ ތެރެއަށް އިތުރުކޮށް އެ ޝަކުވާ ބެލުމަށް ކޮމިޓީއަށް ފޮނުވުމަށްވަނީ ނިންމާފައެވެ.
އަދި ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަހުމަދު ހައިލަމާއި ބެހޭގޮތުން ހުށައެޅުނު ޝަކުވާ ބަލަން ނިންމާ، އެ ޝަކުވާ ބެލުމަށް ތައުދީބް ކޮމިޓީއަށް ފޮނުވުމަށް ވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ޖޭއެސްސީގެ ބައްދަލުވުމުގައި ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމާ ބެހޭގޮތުން ހުށައަޅާފައިވާ ޝަކުވާއެއް ބަލައިގަނެ، މިހާރުވެސް ލުއައްޔު އިބްރާހީމްގެ ޝަކުވާތައް ބަލަމުންދާ ކޮމިޓީއަށް ފޮނުވުމަށްވެސް ވަނީ ނިންމަވާފައެވެ. މިޝަކުވާއާއެކު މެޖިސްޓްރޭޓް ލުއައްޔު އިބްރާހީމާ ބެހޭގޮތުން ފަސް ޝަކުވާއެއް ކޮމިޝަނުން ދަނީ ތަހުޤީގް ކުރަމުންނެވެ.
އޭގެ އިތުރުން ހދ. ޖުޑީޝަލް ދާއިރާގެ، ދާއިރާ އިސްމެޖިސްޓްރޭޓް މުހައްމަދު މައުސޫމާ ބެހޭގޮތުން ހުށައެޅުނު ތިން ޝަކުވާއެއް ބެލުމަށް ނިންމާ، އެ މައްސަލަ ބަލަން ތިން މެންބަރުންގެ ކޮމިޓީއެއްވަނީ އެކުލަވާލާފައެވެ.
ބުދަ ދުވަހުގެ ޖަލްސާގައި، އެއްވެސް ފަރާތަކުން އެކޮމިޝަނަށް ޝަކުވާ ހުށައެޅުމަށްފަހު އަލުން އެ ޝަކުވާ އަނބުރާ ގެންދަން ބޭނުންވެގެން އެދޭ ހާލަތުގައި އަމަލުކުރާނެ ގޮތާއިމެދު ވެސް ވަނީ މަޝްވަރާކޮއްފައެވެ. އެގޮތުން ޝަކުވާއެއް ހުށައެޅިއްޖެނަމަ ޝަކުވާއާ މެދު ކޮމިޝަންގައި މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމާނެކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
ބުދަދުވަހު ބޭއްވި ޖޭއެސްސީގެ 50 ވަނަ ބައްދަލުވުމުގައި ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބްވެ ވަޑައިގަތް މެންބަރު އަލްއުސްތާޒް އަބްދުލް މާނިއު ހުސެއިން ވަނީ ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަންފައެވެ.