މި ސަރުކާރުން މިސްރާބު މިހިފަނީ ހަނދާނުގެ ކަނަކަށް ސޮއްސާލައިފައިވާ ސިއްހީ ހިދުމަތުގެ މައި ތަނބު( ޕަބްލިކް ހެލްތްގެ) ވަރުގަދަ ނިޒާމް އަލުންނަގާ ކޮޅަށް ޖެހުމަށް ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ބ.އަތޮޅު ހޮސްޕިޓަލަށް 50 އަހަރުފުރުމުގެ މުނާސަބަތުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ސިއްހީ ދާއިރާގެ ދިރުމާއި ކުރިއެރުން ފެނިގެންގޮސްފައިވަނީ ހަމައެކަނި ފުޅާކުރެވިގެންދާ ވަސީލަތްތަކުން ނޫން ކަމަށާއި ދިވެހި އިންސާނީ ތަރައްގީން ވެސް ސިއްހީ ވަނަވަރުތަކުގެ ދިރުން ދައްކުވައިދޭ ކަމަށެވެ.
ޅަފަތުގައި މަރުވާ ކުދިންގެ ނިސްބަތް ވަނީ 120 ކުދިންނާއި ހިސާބުން އަށް ކުދިންނާއި ހިސާބަށް ފާއިތުވި އަހަރުތަކުގައި ދަށް ކުރެވިފައިކަމަށާއި އުފަންވާއިރު ދިރިހުންނާނެ ކަމަށް އަންދާޒާ ކުރެވޭ އުމުރު (ލައިފް އެކްސްޕެކްޓެންސީ ) 40 އަހަރުތެރޭގައި 40 ހަކަށް އަހަރުން 74 އަހަރަށް ވަނީ މަތިކުރެވިފައި ކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަންނަ ކާމިޔާބީއަކަށް ވިޔަސް މި ކުރިއެރުމުން ފުއްދާލެވެން ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކުރިން މައިތިރި ކުރި މެލޭރިޔާއާއި ފައިލޭރިޔާ ލެޕްރަސީ އަދި މީސްލްސް ގެ ބަދަލުގައި މިހާރު ކުރިމަތިވެފައިވަނީ ގައިންގަޔަށް ނާރާ ބަލިތައްކަމަށްވާ، ލޭ މައްޗައް ދިޔުމާއި ހިތުގެ ބަލިތަކާއި ހަކުރުބައްޔާއި ކެންސަރުގެ ނުރައްކާތެރިކަމާއި ހިތާއި ގުޅުންހުރި ބަލިތާކައި ނާރުގެ ބަލިތައްކަމުގައި ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ކެއުމަށާއި ދިރިއުޅުމަށް ގެނެވުނު އިންގިލާބުގެ ސަބަބުން ފަލަވުމާއި ހެލިފެލިވުމުގެ ދަތިކަމާއި ކުރިމަތިލުމަކީ މިހާރު ލާޒިމްވާ ކަމެއް ކަމަށެވެ. އަދި މި ކަންތައްތަކަކީ ދިރިއުޅުމުގެ ހަމަތަކާއި ބަދަލުވަމުންދާ ސަގާފަތުގެ ތަރަހައިގެ ތެރެއިން އުފަންވާ ކަންތައްތަކެއް ކަމަށާއި މިއީ މުޖުތަމައުގެ ވިސްނުމާއި ގުޅުންހުރި ކަންކަމަށް ވުމުން ކުރިމަތިވާ ގޮންޖެހުން އެތައް ގުނައަކަށް އިތުރުވެގެން ދާކަމުގައި ވެސް އަމީން ވިދާޅުވިއެވެ.
މި ކަންތައްތަކަކީ ދިރިއުޅުމުގެ ހަމަތަކާއި ބަދަލުވަމުންދާ ސަގާފަތުގެ ތަރަހައިގެ ތެރެއިން އުފަންވާ ކަންތައްތަކެއް. މިއީ މުޖުތަމައުގެ ވިސްނުމާއި ގުޅުންހުރި ކަންކަމަށް ވުމުން ކުރިމަތިވާ ގޮންޖެހުން އެތައް ގުނައަކަށް އިތުރުވެގެން ދޭހެލްތް މިނިސްޓަރ އަބްދުﷲ އަމީން
ސިއްހީ ސިޔާސަތުގައި މިއަހަރަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތަކުގެ އެއް އަމާޒަކީ ރައްޔިތުން ހިދުމަތް ހޯދުމަށް ކުރަންޖެހޭ ހޭދަޔާއި ތަކްލީފް ކުޑަކުރުން ކަމަށާއި މި އަހަރު ނިމޭއިރު އަތޮޅުތަކުން ރައްޔިތުން ހިދުމަތް ހޯދުމަށް މާލެއަށް ދާންޖެހޭ މިންވަރު 50 އިންސައްތަ އައް ދަށްކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަުގައި މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ ދިހަ ސަރަހައްދަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދެވޭ ފެންވަރު މަތިކުރުމުގެ ހާއްސަ މަސައްކަތުގެ ތެރެއިން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހިދުމަތް ފުޅާކުރެވި ތަރައްގީ ކުރެވިގެން ދާނެ ކަމަށާއި ސީޓީ ސްކޭންގެ ހިދުމަތް ގާއިމްކުރުމާއި އެނދުތައް އިތުރުކުރުމާއި އަދިވެސް މިނޫން ވެސް އެތައް ހިދުމަތެއް ތައާރަފް ކުރުން ހިމެނިގެން ދާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސިއްހީ މައުލޫމާތުތައް ދިރާސާ ކުރެވި ހިދުމަތް ފުޅާކުރުމުގައި އެންމެ އިސްކަމެއް ދެނީ ހިދުމަތް ހޯދުމަށް މާލެދާންޖެހޭ ސަބަބުތައް ދެނެގަނެ އެ ހިދުމަތްތައް ސަރަހައްދުތަކުގައި ގާއިމް ކުރުމަށް ކަމަށާއި ހަގީގީ މާނައިގައި ޖަޒީރާ ދިރިއުޅުމުގެ އުފާވެރިކަން ލިބޭނީ ދިރިއުޅޭ ސަރަހައްދުން އެކަށީގެންވާ ސިއްހީ ހިދުމަތް ލިބިގެންކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަޅުގަނޑުމެން ބަލިވެގެންގޮސް ހޮސްޕިޓަލްގައި ޓަކިޖެހުމުގެ ކުރިން ޕަބްލިކް ހެލްތް އެހީތެރިޔާ އަޅުގަނޑުމެން ދުޅަހެޔޮކަންމަތީ ތިއްބާ އައިސް އަޅުގަނޑުމެން ގޭގައި ޓަކި ޖެހުމާއި ހިސާބަށް ދަންދެން ސިއްހީ ނިޒާމް ހަރުދަނާވެ ވަރުގަދަވި ކަމަކަށް އަޅުގަނޑުމެންނަށް ބަލައެއްނުގަނެވޭނެހެލްތް މިނިސްޓަރ އަބްދުﷲ އަމީން
އެހެންކަމުން ވަރުގަދަ ޕަބްލިކް ހެލްތް ނިޒާމަކާއި އެކު އަތޮޅު ނުވަތަ ސަރަހައްދީ ފެންވަރުގެ ޒަމާނީ ފަރުވާގެ ނިޒާމެއް ކަށަވަރު ކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒްކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ