Advertisement
ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 17:48
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ގދ. އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ގދ. އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް އޮފީސް
މަސްވެރިކަމާއި ބެހޭ ބިލް
ސަރުކާރުގެ ވައުދުތަކާއެކު، މަސްވެރިކަމާއި ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި
މަސްވެރިކަމުގެ ސިޔާސަތަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު
މަސްވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން މިހާތަނާއި ހަމައަށްވެސް، ސަރުކާރުން ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފައި
މަސް ގަނެވޭނެ އެންމެ ދަށް އަގު ކަނޑައެޅުމަށް މި ބިލްގައި ބާރު އަޅާފައިވޭ

މަސްވެރިކަމާއި ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވައިފިއެވެ.

މަސްވެރިކަމާއި ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވިކަން ހާމަކޮށް ރައީސް އޮފީހުން އާންމުކުރި ބަޔާނުގައި ބުނީ، މަސްވެރިކަމުގެ ސިޔާސަތަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށާއި، މަސްވެރިކަމަކީ ދިވެހިންގެ ތާރީޚާއި އާދަކާދަތަކާއި، ދިރިއުޅުމާ ގުޅި ލާމެހިފައިވާ މަސައްކަތެއް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ދާއިރާ ދިވެހިންނަށް އެންމެ ނަފާވާ ގޮތްތަކެއް މަތިން ރާވައި ހިންގުންކަމަށް ރައީސް އޮފީހުން ބުންޏެވެ.

Advertisement

މަސްވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން މިހާތަނާއި ހަމައަށްވެސް، ސަރުކާރުން ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފައިކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ، އެގޮތުން، ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ގޮތަށް ރާއްޖޭގައި ކުރަމުން އައި ލޭނުގެ މަސްވެރިކަން ވަނީ ނިމުމަކަށް ގެނެސް، ލޭނު މަސްވެރިކަމަށް ލައިސަންސް ދޫކުރުން ހުއްޓާލާފަ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ، މި މަސްވެރިކަމަކީވެސް ދިވެހިންނަށް އޭގެ ހައްޤު ނަފާ ލިބޭނެ ފަދަ ގޮތްތަކަކަށް ރޭވިގެން، ލޭނު މަސްވެރިކަމަށް އަލުން ހުޅުވާލުންކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އޭގެއިތުރުން ކަޅުބިލަމަހުގެ މަސްވެރިކަމުގެ ސިނާޢަތުގައި މަސް ގަތުމަށްޓަކައި ހަތަރު ކުންފުންޏަކަށް ދެވިފައިވާ އެސްކްލޫސިވް ރައިޓްސް ނިމުމަކަށް ގެނެސް އައު އިންވެސްޓަރުންނަށް މިސިނާޢަތު ހުޅުވާލުމަށް އިކޮނޮމިކް ކައުންސިލުން ނިންމާ މިސިނާޢަތު ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުގެ ފަރާތުން މިހާރު ދަނީ ކުރަމުންކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ މަސްވެރިކަމާއި ބެހޭ ބިލަކީ މަސްވެރިންގެ ޚިޔާލާއި އިހްސާސްތަކަށް ރިއާޔަތް ކުރެވިގެން، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖްރިބާކާރުންގެ އިރުޝާދާއި ލަފާވެސް ހިމެނިގެން ތައްޔާރުކުރެވިފައިވާ ބިލެއްކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބިދޭސީ އުޅަނދުފަހަރުގައި މަސްވެރިކަންކުރުމުގެ ހުއްދަ އެކިސަރުކާރުތަކުން އެކި ދުވަސްވަރު ދެމުން އައިސްފައިވުމަކީ މަސްވެރިންގެ ކަންބޮޑުވުން ނުހަނު ބޮޑަށް އޮތް ކެމެކެވެ. ދިވެހި ކަނޑުތަކަކީ ދިވެހިންނަށް ޚާއްސަ ކަނޑުތަކެއްކަމުގައި ހެދުމަށް ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް މިހާރު އެކުލަވާލެވިފައިވާ މަސްވެރިކަމުގެ ބިލުގައި ބިދޭސީ އުޅަނދަކަށް ނުވަތަ ބޭރު ގައުމެއްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ދިވެހިރާއްޖޭގައި މަސްވެރިކަންކުރުމުގެ ލައިސަންސް ދޫކޮށްގެންނުވާނެ ކަމުގައި ބަޔާންކުރެވިފައިވާނެއެވެ.

ދިވެހި މަސްވެރިންނަކީ ޒަމާނުއްސުރެ ތިމާވެއްޓާއި ރައްޓެހި ސާފު މަސްވެރިކަމެއްގައި ޙާރަކާތްތެރިވަމުން ގޮސްފައިވާ ބައެއްކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ، ދިވެހިރާއްޖޭގައި ކުރާ ދޮށީގެ އަދި އަތުނަނުގެ މަސްވެރިކަމަކީ ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ސާފު ދެ މަސްވެރިކަން ކަމަށެވެ. އަދި އެކަން އެގޮތަށް ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގައި ނުކުރެވޭނެ މަސްވެރިކަމުގެ ބާވަތްތައް މިބިލުގައި މިހާރު ވާނީ ކަނޑައަޅާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެއިތުރުން ބޮޑު ދަލު ނުވަތަ ޕަރސް ސެއިން މަސްވެރިކަމާއި، އޮޔާދާ ދައު ނުވަތަ ގިލް ނެޓްގެ މަސްވެރިކަމާއި އަދި ދަމާ ދައު ނުވަތަ ޓްރޯލް ނެޓްގެ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ދިވެހިރާއްޖޭގައި ނުކުރެވޭނެ ކަމަށް މިޤާނޫނުގައި ވާނީ ބަޔާންކޮށްފައިކަމަށާއި، ޤާނޫނަކުން މިފަދަ މަސްވެރިކަން މަނާކުރެވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމާއިމެދު ބޭރު ދުނިޔޭގެ ތަސައްވުރު ރަނގަޅުވެ ބައިނަލް އަޤްވާމީ ބާޒާރުގައި ދިވެހި މަހަށް ލިބޭ އަގަށް ހެޔޮބަދަލުތަކެއް އައުމުގެ ފުރުޞަތު ބޮޑުވެގެންދާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ ކަނޑުތައް ބެލެހެއްޓުމަކީ ބޮޑު ޒިންމާއެއް ކަމަށާއި، ބޭރު ގައުމުތަކުގެ ގިނަ އުޅަނދުތަކަކުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ވަގަށް މަސްވެރިކަންކުރާ ކަމުގެ ޝަކުވާ އަކީ މަސްވެރިންގެ ބޮޑު ޝަކުވާއެއް ކަމަށެވެ. އަދި ވަގަށް މަސްވެރިކަންކުރަނިކޮށް ހުއްޓުވާ ގިނަ އުޅަނދުފަހަރަށް ފިޔަވަޅު އެޅުމުގައި ހުރި ޤާނޫނީ ދަތިތަކުގެ ސަބަބުން މިކަމަށް އެކަށީގެންވާ ހައްލެއް މިހާތަނަށް ހޯދިފައި ނުވާކަމަށާއި، ބިލުގައި އެގޮތަށް ހިފެހެއްޓޭ އުޅަނދުފަހަރާއިމެދު އަމަލުކުރާނެ ގޮތުގެ ހަމަތައް ވަނީ ކަނޑައެޅިފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެފަދަ އުޅަނދުފަހަރު ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެ މާއްދާތައް ބިލުގައި ވާނީ ހިމަނާފައިކަމަށެވެ.

ބިލްގައި ހިމެނޭ މުހިންމު އިތުރުކަންތައްތައް ފާހަގަކޮށް ރައީސް އޮފީހުން ބުނީ މަސް ވިއްކާނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިސް އެއް ކަނޑައެޅުމަކީ ޚާއްސަކޮށް ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ބޮޑު އެދުމެއް ކަމަށާއި، އަހަރުގެ ބައެއް ދުވަސްވަރު މަހުގެ އަގު މާބޮޑަށް ދަށަށް ދިއުމުގެ ސަބަބުން މަހަށް އެކަށީގެންވާ އަގު ނުލިބޭ ކަމުގެ ޝަކުވާއަށް ހައްލެއް ހޯދުމަށް ބޮޑުކަންނެލީގެ މަސްވެރިކަމަށް އަދި އެހެނިހެން މަސްވެރިކަމަށްވެސް މަސް ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިސް އެއް ކަނޑައެޅުމުގެ ބާރު މިބިލުން މިހާރު ލިބޭނެ ކަމަށެވެ. އަދި ފްލޯ ޕްރައިސް ކަނޑައެޅިގެންދާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ ގެ އިސްނެންގެވުމުގެ ދަށުން، އެކަމަށް މުހިންމު ވިސްނުންތަކެއް ވިސްނައި، ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން އަދި ދާއިރާގެ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތިންކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުންވެސް، ރައްޔިތުންނާއި ގާތުން މަސް ޕްރޮސެސްކޮށް ވެލިއު އެޑް ކުރުމުގެ މަސައްކަތްތައް ކުރުމަށް މަގު ފަހި ކުރުމުގެ ގޮތުން ގޭދޮށުގައި އަޅާ މަސް ޕްލާންޓް އަދި މަސް ގަތުމުގައި މަސްވެރިންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާއި ގުޅޭ ކަންކަން ކުރުމަށް މި ބިލުގެ ތެރެއިން މަގުފަހި ވެގެންދާނެއެވެ.
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް