Advertisement
ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 23:50
ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ރައީސް އޮފީސް
ރާއްޖޭގެ ފަތުރުވެރިކަން
އިންވެސްޓް ކުރުމަށް ބޭރުގެ 28 ހުށަހެޅުމެއް ލިބިފައި އެބައޮތް: ރައީސް
ޖޫން މަހުގެ ނިޔަލަށް، ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު ވަނީ 18.7 އިންސައްތަ އިތުރުވެފައި ކަމަށް ވިދާޅުވި
ހުށަހެޅުންތަކުގެ ތެރެއިން 23 އިންވެސްޓްމެންޓަކަށް ހުއްދަ ދޭން ސަރުކާރުން ވަނީ ނިންމާފައި
17 އިންވެސްޓްމެންޓެއް މިހާރު ވަނީ ރަޖިސްޓްރީ ކޮށްދީފައި

ބޭރުގެ އިންވެސްޓަރުންގެ މެދުގައި ރާއްޖެއާމެދު އިތުބާރާއި ޔަޤީންކަން އުފެދިފައިވާ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރުމަށް މި އަހަރުގެ ޖަނަވަރީން ފެށިގެން މިއަދާ ހަމައަށް، ބޭރުގެ 28 ހުށަހެޅުމެއް ސަރުކާރަށް ލިބިފައި އެބައޮތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

"ޖަޒީރާ ރާއްޖެ، މަގޭ ރާއްޖެ"ގެ ނަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ހުށަހެޅުންތަކުގެ ތެރެއިން 23 އިންވެސްޓްމެންޓަކަށް ހުއްދަ ދޭން ސަރުކާރުން ނިންމާފައިވާ ކަމަށާއި 17 އިންވެސްޓްމެންޓެއް މިހާރު ވަނީ ރަޖިސްޓްރީ ކޮށްދީފައި ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި ދުނިޔޭގެ 13 ޤައުމަކުން ރާއްޖޭގައި އިންވެސްޓް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޞުލްޙަޔާއި ހަމަޖެހުން ޤާއިމުވުމުގެ ނަތީޖާ ކަމަށް ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ފަތުރުވެރިކަމަށް، މި އަހަރުގެ މިހާތަނަށް، ވަރަށްބޮޑު ކުރިއެރުމެއް ލިބިއްޖެ ކަން ރައީސް ވަނީ ފާހަގަ ކުރައްވާފއެވެ.

Advertisement

މިދިޔަ އަހަރާ އަޅައިބަލާއިރު، މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް، ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު ވަނީ 18.7 އިންސައްތަ އިތުރުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު އިތުރުވުމާ ގުޅިގެން، މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، ފަތުރުވެރިކަމުން ލިބުނު އާމްދަނީ، 1.1 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދައުލަތް ހިންގުމާ ޙަވާލުވިއިރު ފަތުރުވެރިކަމުން ދައުލަތަށް ލިބުނު ފައިސާތައް، ވަކި ބަޔަކު ދިޔައީ ނާޖާއިޒު ގޮތުގައި ބޭނުންކުރަމުން ކަމަށާއި ފަތުރުވެރިކަމަށް އިންވެސްޓް ކުރި އަނެއްބަޔަކު ތިބީ، ސަރުކާރުން ކުރި ޖޫރިމަނާތަކާހެދި ދަރަނިވެރިވެ، ގޮތް ހުސްވެފައި ކަމަށެވެ. އަދި ރިޒޯޓް ހަދަން ދޫކުރި 70 ވަރަކަށް ރަށް، ނުނިމި އޮންނަތާ އެތައް އަހަރެއް ވެއްޖެ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް މިވަގުތަށް މުހިންމީ، ބަޔަކު ކުށްވެރިކޮށް ޖޫރިމަނާ ކުރުމެއް ނޫން. ދެވެން އޮތް ލުޔެއް ދީގެންވިޔަސް، ވީހާ އަވަހަކަށް އެ ރަށްތައް ހުޅުވޭނެގޮތްވުން މާ މުހިންމު
ރައީސް އިބްރާހިމް މުހައްމދު ސާލިޙު

ރައީސް ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވޭނީ، މި ޞިނާޢަތުގައި ޙަރަކާތްތެރިވާ ވިޔަފާރިވެރިންނަށް، މިހާރު ދިމާވާ ދަތިތައް ޙައްލުކޮށްދީ، ލުއި ގޮތްތައް ހޯދައިދީގެން ކަމަށާއި އަމާޒަކީ ސަރުކާރާއި، ފަތުރުވެރި ވިޔަފާރިވެރިން ގުޅިގެން، މިކަންކަން ޙައްލުކޮށް މި ޞިނާޢަތު ކުރިއެރުވުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް