Advertisement
ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 17:37
ކުރީގެ ޕީޖީ މުހުތާޒު މުހުސިން
ކުރީގެ ޕީޖީ މުހުތާޒު މުހުސިން
މިހާރު
ޖުޑީޝަލް ސަރވިސް ކޮމިޝަން
ފަނޑިޔާރު އަބްދުﷲ ޑީޑީ: ޕީޖީކަމަށް މުހުތާޒު އައްޔަން ކުރީ ޑީޑީގެ އެދިލެއްވުމަކަށް
"ޑޯން އޯކޭ" ކުރުމަށާއި އޭނާ ރަނގަޅު ވާނެ ކަމަށް ފަނޑިޔާރު ޑީޑީ އަދީބަށް މެސެޖް ކޮށްފައިވޭ
ނަޝީދަށް ޓެރަރިޒަމްގެ ދައުވާ ކުރަން ހުށަހެޅީ ޕީޖީ ކަމުގައި މުހުތާޒު ހުންނެވި ދުވަސްވަރު
ޑީޑީގެ ގާތް ބޭފުޅުންނަށް މަގާމުތައް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުރަތަމަ އައްޔަން ކުރެއްވި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ މަގާމަށް މުހުތާޒު މުހުސިން އައްޔަން ކުރެއްވީ ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އެދިލެއްވުމަށް ކަން ރާއްޖެއެމްވީއަށް އެނގިއްޖެއެެވެ.

މުހުތާޒު ޕީޖީ ކަމަށް އައްޔަން ކުރައްވާފައި ވަނީ އެމަގާމު ހުސްވެފައި އޮންނަތާ އެތަށް މަސް ދުވަސް ފަހުން 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ. ޕީޖީގެ ގާނޫނުގައި ބުނެފައިވާ ގޮތުން ޕީޖީގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަންކޮށް ނިންމަންޖެހޭނެއެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ޖުލައި 22 އާއި ހަމައަށް އެމަގާމު އޮތީ ހުސްކޮށެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މުހުތާޒު ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް ރަނގަޅު ކަމަށާއި އެމަގާމަށް އައްޔަން ކުރެއްވުމަށް ޑީޑީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދެންނެވިއެވެ. އޭރު އަދީބު ހުންނެވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށް ލުމުގެ ކުރިން ވެރިކަމުގެ ނުފޫޒުގެ ތެރޭގައި އުޅުއްވި އިރު މަޖިލިހުގައި ސަރުކާރުގެ މެޖޯރިޓީން ބޭނުންފުޅުވިހާ ގޮތަކަށް ކަންތައްތައް ކުރެެއްވި ކަމުގެ ތުހުމަތު އަދީބުގެ މައްޗަށް ކުރެވެއެވެ. މުހުތާޒު ޕީޖީގެ މަގާމަށް އައްޔަންކުރުމަށް އަދީބުގެ ތާއީދާއެކު 62 މެމްބަރުން ވޯޓު ދެއްވާފައި ވެއެވެ.

Advertisement

ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އިން ހުޅުވާލައިގެން ބޭއްވި ތަހުގީގުގައި ފަނޑިޔާރު ޑީޑީގެ އާއިލީ ގޮތުން ގާތް މީހުންނަށާއި އޭނާ ހުށައަޅުއްވާ ހުށައެޅުންތަކަށް ދައުލަތުގެ މަތީ މަގާމުގެ ފުރުސަތު ހަމަޖެއްސުމަށް އަދީބާއި ދެމެދު ވާހަކަ ދެކެވިފައިވާ ކަމުގެ ތުހުމަތު ޖޭއެސްސީއިން ހާމަ ކުރީ ފުލުހުން ތަހުގީގު ކޮށްފައިވާ ފޮރެންސިކް ތަހުލީލު ރިޕޯޓާ ހަވާލާދީއެވެ.

އެ ރިޕޯޓަށް ރިއާޔަތް ކޮށް ޖޭއެސްސީއިން ބުނީ "2014 ވަނ އަހަރުގެ ޖޫން މަހުގެ ތެރޭގައި "ޑޯން އޯކޭ" ކުރުމަށާއި އޭނާ ރަނގަޅު ވާނެ ކަމަށް މެސެޖް ކޮށްފައިވާ" ކަމަށެވެ. އެނގިފައިވާ ގޮތުގައި "ޑޮން" އޭ ވިދާޅުވާ ފަރާތަކީ ޕީޖީކަމަށް އައްޔަން ކުރެއްވި މުހުތާޒު މުހުސިނެވެ. "ޑޯން" އަކީ މުހުތާޒަށް ވަނަމަކަށް ކިޔާ ނަމެކެވެ. މުހުތާޒާއި ފަނޑިޔާރު ޑީޑީއަކީ ގާތް ދެ ރައްޓެހިން ކަމަށް ވެއެވެ.

ފަނޑިޔާރު ޑީޑީ(ކ) އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
2014 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި "ޑޮން އޯކޭ" ކުރުމަށާއި އޭނާ ރަނގަޅު ވާނެކަމަށް މެސެޖް ކޮށްފައިވާއިރު ޖޭއެސްސީއަށް ފަނޑިޔާރުންގެ ތެރެއިން ބޭފުޅަކު އައްޔަން ކުރުމާއި އޭސީސީގެ މެމްބަރު ކަމަށް މީހަކު އައްޔަން ކުރުމުގައި އޭނާގެ ފަރާތުން ފޯމެއް ހުށައަޅުއްވާނެކަމަށް ދަންނަވާ އޭސިސީގެ މެމްބަރުކަމަށް ފޯމް ހުށައެޅުއްވި ފަރާތެއްގެ ނަންވެސް މެސެޖްކޮށް ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެކްޓް އެކަކާއި މުއާމަލާތް ކޮށްފައިވާކަން ފާހަގަ ކުރެވޭ
ޖޭއެސްސީއިން ހާމަ ކުރި ފުލުހުންގެ ރިޕޯޓް

ކުރީގެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް 13 މާޗް 2015 ގައި ހުކުމް ކުރުމުގައި ފަނޑިޔާރު ޑީޑީ އެއްމިލިއަން ޑޮލަރު ނެންގެވި ކަމުގެ ތުހުމަތު ކުރެވޭ އިރު އެމަނިކުފާނަށް ޓެރަރިޒަމްގެ ދައުވާ ކުރަން ހުށަހެޅީ ޕީޖީ ކަމުގައި މުހުތާޒު ހުންނެވި ދުވަސްވަރުއެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން އޭރު އެ މައްސަލަ ބެއްލެވި ފަނޑިޔާރަކީ ވެސް ފަނޑިޔާރު ޑީޑީ އެވެ.

ފަނޑިޔާރު ޑީޑީގެ އާއިލީ ގޮތުން ގާތް މީހުންނަށް ދައުލަތުގެ މަތީ މަގާމުތަކުގެ ފުރުސަތު ހަމަޖެއްސުމަށް އަދީބާއި ދެމެދު ވާހަކަ ދެކެވިފައިވާ ކަމުގެ ތުހުމަތު ކޮށްފައިވާއިރު މެލޭޝިއާގައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރަކަށް އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރު ހަމަޖައްސަން އަދީބުގެ އަރިހުން ޑީޑީ އެދިވަޑައިގަތް ކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކޮށްފައިވެއެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަކަށް އޭރު ހުންނެވި ޣާނިޔާ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމު ފުރުއްވި ނަމަވެސް އޭނާ އެމަގާމުން ވަކިކޮށްފައިވަނީ ރައީސް ނަޝީދަށް ހުކުމް ކުރެއްވުމުގައި ޑީޑީ ނެންގެވިކަމަށް ތުހުމަތު ކުރެވޭ އެއް މިލިއަން ޑޮލަރު ޣާނިޔާގެ އެކައުންޓަށް ޖަމާވިކަމުގެ ތުހުމަތުގައި ޖޫން މަހުގެ ތެރޭގައެވެ.

މުހުތާޒު ޕީޖީގެ މަގާމަށް ފަނޑިޔާރު ޑީޑީގެ އެދިލެއްވުމަށް ގެނައި ކަމުގައި ވިއަސް އޭނާ ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފުވެފައިވާ ކަމަށް ބުނެ އޭނާ މަގާމުން ވަކި ކޮށްފައިވަނީ ރައީސް ޔާމީންގެ ރަސްމީ ލޯންޗުކޮޅު ގޮއްވާލި ކަމުގެ ކުށުގައި އަދީބު ހައްޔަރު ކުރި ތަނާހެން 2015 ވަނަ އަހަރުގެ ނޮވެމްބަރު 11 ގައެވެ. އޭގެ ފަހުން 2016 ވަނަ އަހަރުގެ ތެރޭ އޭނާގެ މައްޗަށް ރައީސް ޔާމީން ހައްޔަރު ކުރަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލަ ސާބިތުވެ 17 އަހަރަށް ލުމަށް ހުކުމް ކޮށްފައެވެ. އެ ހުކުމް ބާތިލް ކޮށް މުހުތާޒު މިނިވަންވީ މި ވެރިކަމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
29 ޖުލައި 2019 | ހޯމަ 21:59
އަނިޔާވެރިން
ހީލަތާ މަކަރާ ހައަދުފަހަނަ އަޅާފަ، ޤައުމަށް ކޮންމެފަދަގެއްލުމެއްވެސްދީފާނެ!