Advertisement
ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 10:56
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ
ފޭސްބުކް
ޖުޑީޝަލް ސަރވިސް ކޮމިޝަން
ދީދީ ވަކިކުރާނީތޯ ކަނޑައަޅާނީ 30 ދުވަހުގެ މުއްދަތު ހަމަވުމުން: ޖޭއެސްސީ
އެއްމިލިއަން ޑޮލަރު އަނބިކަނބަލުންގެ އެކައުންޓަށް ޖަމާވިކަމުގެ ތުހުމަތު
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ ފައިސާ ލިބުނު މީހުންގެ އަތުން ފައިސާ ހޯއްދެވި ކަމުގެ ތުހުމަތު
ރިޟުވާން ގެއްލުވާލި މައްސަލައިގެ ތުހުމަތުކުރެވޭ ބަޔަކު ބަންދުން ދޫކޮށްލުމަށް އަމުރުކުރެއްވި

ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައިގައި އޭނާ ވަކި ކުރާނެތޯ ކަނޑައަޅާނީ އޭނާއަށް ދީފައިވާ ތިރީސް ދުވަހުގެ މުއްދަތު ހަމަވުމުން ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އިން ބުނެފިއެވެ.

ޖޭއެސްސީގެ ޑިރެކްޓަރ ހަސަން ޒަހީން ރާއްޖެއެމްވީއަށް ވިދާޅުވީ ދީދީ ޖަވާބުދާރީ ވުމަށް 30 ދުވަސް ދީފައިވާ ކަމަށާއި އޭނާ ވަކިކުރާނީތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ އެއަށް ފަހު ކަމަށެވެ. އެމުއްދަތު އަންނަ އޮގަސްޓު މަހުގެ ދެވަނަ ހަފްތާ ތެރޭގައި ހަމަވާނެއެވެ.

ދީދީގެ މައްސަލަ ބެލުމަށް ފަހު ފުލުހުންގެ ތަހުގީގު ޓީމުން ޖޭއެސްސީއަށް ހުށައެޅި ތަހުގީގުގައި ރިޕޯޓުގައި ވަނީ އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށައެޅުމަށެވެ.

ފަނޑިޔާރު ދީދީއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި މެލޭޝިއާގައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރަކަށް އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރު ހަމަޖައްސަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިހުން ދީދީ އެދިވަޑައިގަތް ކަމުގެ ތުހުމަތު ކުރެވެއެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަކަށް އޭރު ހުންނެވި ޣާނިޔާ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމު ފުރުއްވި ނަމަވެސް އޭނާ އެމަގާމުން ވަކިކޮށްފައިވަނީ ދީދީގެ މައްޗަށް ކުރެވޭ އެއްމިލިއަން ޑޮލަރު ޣާނިޔާގެ އެކައުންޓަށް ޖަމާވިކަމުގެ ތުހުމަތުގައި ޖޫން މަހުގެ ތެރޭގައެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ ފައިސާ ލިބުނު މީހުންގެ އަތުން ފަނޑިޔާރު ދީދީ ފައިސާ ހޯއްދެވި ކަމަށް ތުހުމަތުކުރާ މައްސަލައާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލަ އެއް ވެސް ހިމެނެއެވެ.

Advertisement

ޝަރީޢަތާއި އަދުލުއިންސާފަށް ދީދީ ނުފޫޒު ފޯރުވާފައިވާ ކަމަށް ޖޭއެސްސީގެ ތަހުގީގުން ހާމަކޮށްފައިވާއިރު

އެނގިފައިވާ ގޮތުގައި އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ހުކުމް ކުރުމަށް އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ މައްސަލައެވެ. ރައީސް ނަޝީދަށް ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އަށް ލިބިވަޑައިގެންނެވި އެއް މިލިއަން ޑޮލަރު ނަންގަވައި، އަނބިކަނބަލުންގެ އެކައުންޓަށް ޖަމާކުރެއްވީއެވެ.

މީގެއިތުރުން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިލުވާން ގެއްލުވާލި މައްސަލާގެ ތުހުމަތުކުރެވޭ ބަޔަކު ބަންދުން ދޫކޮށްލުމަށް ފަނޑިޔާރު ދީދީ މީހަކާ މުޢާމަލާތް ކޮށްފައިވާކަން "ސަސްޕެކްޓް1" ގެ ފޯނުން ފުލުހުން ހޯދި ފޮރެންސިކް ހެކިން ހާމަވެފައިވާކަން ވެސް ފުލުހުންނާ ހަވާލާ ދީ ޖޭއެސްސީއިން ހާމަ ކޮށްފައި ވެއެވެ. އެ މައްސަލައިގައި ހިމެނޭ މީހުންގެ ތިން ޝަރީއަތެއް ބާއްވައި އެމީހުން ބަންދުން ދޫކޮށްލަން އަމުރުކުރެއްވީ ދީދީ އެވެ.

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައިވާ ގޮތުން ރަސްމީ ހައިސިއްޔަތުންނާއި އަމިއްލަ ހައިސިއްޔަތުން ކުރާ އެއްވެސް ކަމަކުން ނުވަތަ ހިންގާ ހަރަކާތަކުން ނުވަތަ ދައްކާ ވާހަކައަކުން ވިއަސް ޝަރުއީ ދާއިރާއަށް ރައްޔިތުންގެ ހިތުގައި ޝައްކު އުފެދި ޝަރުއީ ދާއިރާގެ ގަދަރާއި ހައިބަތާއި އިތުބާރު ގެއްލޭ ފަދަ އެންމެހާ ކަންކަމާއި އަމަލުތަކުން ދުރުހެލިވުމާއި ހުރިހާ ފަނޑިޔާރުން ވެސް އަމަލުތައް ބަހައްޓަން ވާނީ މުޖުތަމައު ގަބޫލުކުރާ އަޚުލާގީ ފެންވަރުގައި ކަމަށް ބުނެފައިވެއެވެ. އަދި އިންސާފުން ޝަރީއަތް ކުރެވުމަކީ ކޮންމެ މީހަކަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށާއި އެ އަސާސީ ހައްގު ފުރިހަމައަށް ލިބިދިނުމަށްޓަކައި ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ބަޔަކަށް ވާންޖެހޭ ކަމަށް ވެސް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބުނެފައި ވެއެވެ.

ޑީޑީއަށް ކުރެވޭ މިތުހުމަތު ތަކާއެކު މިދިޔަ ޖޫން މަހުގެ 17 އިން ފެށިގެން ޖޭއެސްސީއިން ވަނީ އެ މައްސަލަ ނިމެންދެން އޭނާ ސަސްޕެންޑް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް