ބުދަ ދުވަހުގެ ރޭ ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލުކުރުމުގެ ތެރެއިން، ހުޅުމާލެ ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކުގެ ތެރެއިން ބައެއް ކަންތައްތަކަށް މި ފެށޭ ހަފްތާގައި ހައްލު ގެނެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ޝިފާ ވިދާޅުވީ ހައުސިން ޑިވަލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ) އާއި މާލެ ސިޓީ ކައުންސިލް ބައްދަލުކޮށް، މި ފެށޭ ހަފްތާގައި ހުޅުމާލެ ރައްޔިތުން ހުށަހެޅި ބައެއް ކަންކަމަށް ހައްލު ގެނެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ބުދަ ދުވަހުގެ ރޭ ބޭއްވުނު ބައްދަލުވުމުގައި ހުޅުމާލެ ރައްޔިތުން މައިގަނޑު ކަމަކަށް ފާހަގަ ކުރީ ހުޅުމާލެ ބީޗު ސަރަހައްދުގައި ރެސްޓްރޯންޓްތައް މުޅި ސަރަހައްދުގައި ހުރުމުން މޫދަށް އެރުމުގައި ދިމާވާ މައްސަލަތަކާއި ފްލެޓްތަކުގެ މެއިންޓެނެންސްގެ މައްސަލަތަކުގެ ވާހަކައިގެ އިތުރުން ހުޅުމާލޭގައި އޮތް ޖާގައަށް ވުރެ ގިނައިން އެ ސިޓީއަށް މީހުން ބަދަލުވަމުންދާ މައްސަލަ ކަމަށް ޝިފާ ވިދާޅުވިއެވެ.
މީގެ އިތުރުން، ހުޅުމާލޭގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަމުގެ ވާހަކަ އާއި އެޗްޑީސީއަށް މައްސަލަތައް ހުށަހެޅުމުން އެކަންކަން ހައްލު ކުރުމަށް ހުރި ދަތިތަކުގެ ވާހަކަ ވެސް ރައްޔިތުން ފާހަގަ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ ސިޓީ ކައުންސިލުގެ އެންމެ ބޮޑު ބޭނުމަކަށް ވަނީ ރައްޔިތުންގެ އަޑު އަހާ އެންމެ ޒަރޫރީ ކަންކަން ހައްލުކޮށްދިނުމަށްޓަކައި މަސައްކަތް ކުރުން ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ހަމައެކަނި އެޗްޑީސީން ދޭ ހިދުމަތްތަކެއްގެ ގޮތުގައި އޮންނަން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެޗްޑީސީ ތެރޭގެ ހިދުމަތްތައް ހޯދަން އާންމުން ދިއުމުން އެ ކަންކަން ވެރިންނާ ހިސާބަށް ނުގެންދާ މައްސަލަ ރައްޔިތުން ފާހަގަކުރި ކަމަށް ޝިފާ ވިދާޅުވިއެވެ.
މުނިސިޕަލް ހިދުމަތްތައް ދިނުމަށްޓަކާ މެދުވެރިވާންޖެހޭ ބަޔަކު ނެތުނީމަ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ އެޗްޑީސީއާ ރައްޔިތުންނާއި ދޭތެރޭގަ މިހާ ބޮޑު ފުށުއެރުމެއް އޮތީ، އަޅުގަނޑު ވަރަށް އުފާ ކުރަން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މިކަން ވަރަށް ޕޮޒިޓިވްކޮށް ބަލައިގަތީމަމާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު
އޭނާ ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް ފާއިތުވެދިޔަ ހަތް އަހަރު ވަރަށް މަސައްކަތް ކުރެވުނު ކަމަށާއި އެކި މުއައްސަސާތަކަށް ލިޔުމުން އެކަން ވެސް ހުށަހެޅި ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެޑްރެސް ނުކުރެވި ހުރީ ވޭތިވެދިޔަ ސަރުކާރުތަކުން އެކަމަށް ތަން ނުދިނުމުގެ ސަބަބުން ކަމަށެވެ.
ޝިފާ ވިދާޅުވީ ކުރިއަށް އޮތް ތާނގައި މާލޭގެ ހުރިހާ އަވަށްތަކާއެކު ވެސް މިފަދަ ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ފަހުގެ ތާރީހެއްގައި ވަނީ ވިލިމާލޭގެ ރައްޔިތުންނާ ވެސް ބައްދަލު ކޮށްފައެވެ.