ދިރާގު ބިޒްނަސް ސަޕޯރޓް ސިސްޓަމް އަޕްގްރޭޑް މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް ދިރާގުން ބުނެފައެވެ.
ދިރާގުން ނެރުނު ބަޔާނެއްގައި މި އަޕްގްރޭޑް މަސައްކަތަކީ ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް އެކުލެވިގެންވާ އަދި ތަފާތު މަރުހަލާތަކަށް ބެހިގެންދާ މަސައްކަތެއް ކަމަށާއި ކުރިއަށް އޮތް މަސްތަކުގައި ވެސް މި އަޕްގްރޭޑްގެ ތަފާތު މަރުހަލާތަކުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެއެވެ.
މި އަޕްގްރޭޑް މަސައްކަތުގެ އަމާޒަކީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ކަސްޓަމަރުން ބޭނުންކުރާ ޚިދުމަތްތަކުގެ ތަޖުރިބާ ރަނގަޅު ކުރުން ކަމަށް ދިރާގުން ބުނެއެވެ.
އަޕްގްރޭޑް މަސައްކަތުގެ ބޮޑުބައި ނިމުމާއެކު ރީލޯޑް އަދި ރީޗަރޖްއާ ގުޅޭ ޚިދުމަތާއި މޮބައިލް އެޑް އޮންސް އަދި މޮބައިލް ޕެކޭޖް ބަދަލުކުރުމާއި ދިރާގު ވެބްސައިޓްގައިވާ "މައި އެކައުންޓް" އަދި ދިރާގު މޮބައިލް އެޕް ބޭނުން ކުރެވުމާއި މަމެން މޯބައިލް އެޕް (ބިލްޑް އަދި ޓޭކްބެކް ފީޗަރ) ބޭނުން ކުރެވުމުގެ އިތުރުން ދިރާގު ކަސްޓަމަރ ސާރވިސް ސެންޓަރުތައް އަދި ދިރާގު ޕާރޓްނަރ ޝޮޕްތަކުން އައު މޮބައިލް ޚިދުމަތް ހޯދުމާއި މޮބައިލް ބިލަށް ފައިސާ ދެއްކޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގުން އެންމެ އިސް ކަމެއް ދެނީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ވީހާ ވެސް ބުރޫ ނާރާނެ ގޮތަކަށް މަސައްކަތްތައް ރާވާ ކުރިއަށް ގެންދިއުމަށް ކަމަށް ބަޔާނުގައިވެއެވެ.