މަގުމަތިން ހިނގާފައި ދިޔަ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތު ކުރެވޭ 56 އަހަރުގެ މީހާގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިފިއެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި އަބްދުލް ގަނީ އިސްމާއިލް ނަމަކަށް ކިޔުނު މީހާ ހައްޔަރުކޮށްފައިވަނީ، އޭނާ ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ އަންހެން މީހާ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކާއި ގުޅިގެންނެވެ. ގަނީ އޭނާގެ ފަހަތުން ސައިކަލް ދުއްވަމުން ޖިންސީ ފުރައްސާރަ ކުރިކަމަށް އެ އަންހެން ކުއްޖާ ވަނީ ތުހުމަތުކޮށްފައެވެ.
ގަނީގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވާ އިރު، އޭގެ ތެރޭގައި ހަޑިހުތުރު އެއްޗެހި ކިޔުމާއި، މީހަކަށް އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، މީހެއްގެ ފަހަތުން ދިޔުމާއި ޖިންސީ މުއާމަލާތެއް ހިންގަން އެދުން ހިމެނެއެވެ.
ދައުވާތައް ކޯޓުގައި ހުށައަޅަމުން ދައުލަތުގެ ވަކީލާ ފާތިމަތު ޝިފާޒާ ވިދާޅުވީ 19 ޖޫން 2019 ވަމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި, ގަނީ ވަނީ މަޖީދީ މަގުން ހުޅަނގަށް ހިނގާފައިދިޔަ ޒުވާން އަންހެނެއްގެ ފަހަތުން ސައިކަލުގައި ދަމުން އޭނާގެ ކުރިމަތީ ފަރާތުގައި އަތްލާ ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފައި ކަމަށެވެ.
ގަނީ ޖިންސީ މުއާމަލާތެއް ހިންގަން އެދުނީ އެ އަންހެން މީހާ މަޑުކުރުމަށް ފަހު ބޭނުންވެގެން އުޅޭ ކަމެއް އަހާ ސުވާލުކުރުމުން ކަމަށް ވެސް، ޝިފާޒާ ފާހަގަކުރެއްވިއެވެ.
ގަނީގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. މިއިން އެއްވެސް ތުހުމަތެއް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް އަންނާނީ އެއް މަހާ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.
ގަނީ ވަނީ ކޯޓު ތެރޭގައި މިހުރިހާ ދައުވާއަކަށް އިންކާރުކޮށްފައެވެ. އެގޮތުން އޭނާ ބުނީ ދުވަހަކުވެސް މީހަކާ ދިމާލަށް ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފައި ނުވާނެ ކަމަށާއި އެރޭ އެމަގުން ދުއްވާފައި ދިޔައީ ކޮން ސަބަބަކާ ހުރެގެންކަން ފުލުހުންގެ ތަހުގީގުގައި ސާފުކޮށް ކިޔައިދީފައި ވާނެ ކަމަށެވެ. ގަނީ ވަނީ ކޯޓު ތެރޭގައި ހުރެގެން އެކަހަލަ ކަމެއް ނުކުރާ ކަމަށް މާތް ﷲ ގަންދީ ހުވާކޮށްފައެވެ.
ގަނީ ވަނީ ވަކީލަކު އައްޔަނުކުރުމަށް އޭނާ ގޭބަންދަށް ދޫކޮށްލުމަށް ވެސް ގާޒީ އަރިހުން އެދިފައެވެ. އޭނާ ބުނީ އޭނާގެ މާލީ ހާލަތު ހުރިގޮތުން މިވަގުތު ވަކީލަކު އައްޔަނު ކުރެވޭނީ އެކުވެރިންގެ އެހީ ހޯދައިގެން ކަމަށާއި، މިހާރު އޭނާއަށް ބަންދުގައި ހުރެގެން ގުޅެނީ ހަމައެކަނީ އޭނާގެ އަނބިމީހާއަށް ކަމަށް ބުނެފައެވެ.
ގާޒީ ވިދާޅުވީ ވަކީލަކު އައްޔަނުކުރުމަށް މީހަކު ގޭބަންދަށް ދޫކޮށްލެވޭނެ ގާނޫނީ ހުއްޖަތެއް ނެތްކަމަށެވެ. އަދި ދައުލަތުގެ ފަރާތުން ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު އޮންނަނީ ވެސް ބޮޑެތި ޖިނާއީ މައްސަލަތަކުގައި ކަމަށް ވެސް ގާޒީ ފާހަގަކުރެއްވިއެވެ.
ނަމަވެސް ގާޒީ ވަނީ ވަކީލަކު އައްޔަނުކުރަން ފުރުސަތު ދިނުމުގެ ގޮތުން އިތުރު 10 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު، ގަނީގެ ފޯނުގައި ހުރި އެކުވެރިންގެ ނަންބަރުތަކަށް ގުޅުމުގެ މަގުފަހު ކޮށްދިނުމަށް ދައުލަތަށް އަމުރުކޮށްފައެވެ.
މިއީ މަގުމަތިން ޖިންސީ ފުރައްސާރަކުރުމުގެ ދައުވާ މީހަކާއި ދެކޮޅަށް ރާއްޖޭގައި އުފުލުނު ފުރަތަމަ ފަހަރެވެ.
މި މައްސަލައާއި ގުޅިގެން ޖިންސީ ފުރައްސާރަކުރާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާއިބެހޭ ފަރާތްތަކަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ގޮވާލާފައިވެއެވެ. މިއީ ރާއްޖޭގައި ވަރަށް އާންމުވެފައިވާ މައްސަލައެއްކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.