ތޫނިސްގެ ރައީސް މުހައްމަދުލްބާޖީ ގާޔިދު އައްސިބްސީ އަވަހާރަވެއްޖެއެވެ.
ސިބްސީ އަވަހާރަވިކަން ތޫނިސްއިން ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. އެގޮތުން، ސިބްސީ އަވަހާރަވުމާއެކު ހަތް ދުވަހުގެ މުއްދަތަށް ގައުމީ ހިތާމަ އިއުލާންކޮށް އެ ގައުމުގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.
ސިބްސީގެ ޖަނާޒާ ހޮނިހިރު ދުވަހު ގައުމީ ފެންވަރުގައި ބާއްވާނެކަމަށާއި އެކަމުގެ ތައްޔާރީތައް މިހާރު ފަށާފައިވާނެ ކަމަށް ތޫނިސްގެ ހާރިޖީ ވަޒީރު ހަމީސް އަލްޖުހައިނާވީ ވިދާޅުވެފައިވެއެވެ.
ބުރާސްފަތި ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ސިބްސީގެ ހާލުކޮޅު ބޮޑުވެގެން ވެރިރަށް ތޫނިސްގެ އަސްކަރީ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދީފައިވެއެވެ. އަދި އޭނާ އަވަހާރަވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
ތޫނިސްގެ ހާރިޖީ ވަޒީރުކަމާއި ބޮޑުވަޒީރުކަންވެސް ކުރައްވާފައިވާ ސިބްސީ އަވަހާރަވެފައިވަނީ އުމުރުފުޅުން 92 އަހަރުގައެވެ.
އަވަހާރަވުމުގެ ކުރިން ސިބްސީ އޭނާގެ ގައުމަށް ދެވަސިއްޔަތެއް ކުރެއްވި ކަމަށް ދަރިކަލުން ހާފިޒް އައްސިބްސީ ވިދާޅުވެފައިވެއެވެ. އެގޮތުން، އޭނާ ކުރެއްވި ދެވަސިއްޔަތަކީ ރައްޔިތުން ބައިބައިނުވެ ތިބުމަށާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެހެއްޓުމަކީ ކޮންމެ ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ އަމާނާތެއްކަން ހަނދާންކޮށް މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފަދަ ކަމެއް ނުކުރުމެވެ.
ސިބްސީ އަވަހާރަވުމާ ގުޅިގެން ތޫނިސްގެ ވަގުތީ ރައީސް ކަމަށް ޕާލަމެންޓްގެ ރައީސް މުޙައްމަދު އަންނާސިރު ވަނީ އިސްވެ ވަޑައިގެންފައެވެ.
ނޮވެމްބަރު މަހު ތޫނިސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ސިބްސީ ކުރިން އިއުލާނުކުރެއްވިއެވެ. އޭނާ ގަބޫލުކުރެއްވި ގޮތުގައި އެގައުމުގެ ވެރިކަމަށް އަރާވަޑައިގަންނަވަން ވާނީ އުމުރުން ހަގު ބޭފުޅެކެވެ.