ޅ. ނައިފަރުގައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވެލާ ޕްރޮޖެކްޓް ހިންގުމަށް ދޫކޮށްފައިވާ ބިމުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް އެންގި ނަމަވެސް މަސައްކަތް ކުރަމުންދާތީ އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ނައިފަރު ކައުންސިލުން ބުނީ އީޕީއޭގެ ހުއްދައާއެކު ހިންގަމުން ގެންދާ ވެލާ ޕްރޮޖެކްޓްގެ ދަށުން ޅަވެލާ ނަގައިގެން އެތަކެތި އެއްގަމުގައި ހުންނަ ހަތަރު ފަސް ވަޅެއްގައި ގެންގުޅެ ރޯމަސްފަދަ ތަކެތި ކާންދީ ބޮޑުކުރާކަމަށެވެ. ނަމަވެސް އެމަސައްކަތް ކުރަމުން ގެންދަނީ ގާނޫނާވެސް ހިލާފަށްކަން ފާހަގަކޮށް ގިނަ ފަރާތްތަކުން ކައުންސިލަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް ނައިފަރު ކައުންސިލުން ބުންޏެވެ. އަދި ބެލިބެލުމުން ވެސް އެކަން ފާހަގަވެފައިވާ ކަމަށް އެ ކައުންސިލުން ބުނެ އެވެ.
ކައުންސިލުން ބުނީ މިމައްސަލާގައި ސޯޝަލް މީޑިއާގައިވެސް ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަންތައް ބަލާދިނުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ އީޕީއޭގެ ހުއްދައާއިއެކު އެތަނުގައި އެއްވެސް ކަމެއް ހިނގާނަމަ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނިންމުމާއި އެއްގޮތްވާ ގޮތުގެމަތިން ކައުންސިލުން ނައިފަރު ޖުވެނައިލްއަށް ދޫކޮށްފައިވާ ގްރީން އޭރިޔާ ނަންބަރު 40.16 އާއި 40.17 ނަންބަރު ބިންތަކުގެ އެގްރިމެންޓް ބާތިލްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ދެ ބިމުގައި އެއްވެސް މަސައްކަތެއް އެއްވެސް ހަރަކާތެއް އެއްވެސް ފަރާތަކުން ހިންގުމަކީ މަނާކަމެއް ކަމެއް ކަމަށާއި، 28 ފެބްރުއަރީ 2018 ގެ ފަހުން އެތަނުގައި ހިންގާ ކޮންމެ ކަމަކީ ގާނޫނު ހިލާފު ކަމެއް ކަމަށް ކައުންސިލުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް ވިދާޅުވީ މަނާ ކަމެއްކަން އެންގި ނަމަވެސް އީޕީއޭއިން މަސައްކަތް ހުއްޓާނުލާ ކަމަށެވެ. އަދި މިހާރު މިމައްސަލަ ބެލުމަށް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. މިއީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.