މަޝްހޫރު ކާރު ހަދާ ޖަޕާނުގެ ނިޝާން ކުންފުނިން އެކުންފުނީގެ ދިހަ ހާސް މުވައްޒަފުން ވަޒީފާއިންވަކި ކުރަން ނިންމައިފި ކަމަށް މީޑިއާއިން ރިޕޯޓްތައް ބުނެފިއެވެ.
ޖަޕާނުގެ ނިޝާން ކުންފުނިން ދިހަ ހާސް މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ އެ ކުންފުނީގެ މާލީ ހާލަތު ދުވަހެއް ދުވަހެއް ދައްވަމުންދާތީ ކަމަށް ބެލެވެއެވެ. އެއްލަކައަށް ވުރެންގިނަ މުވައްޒަފުން މިވަގުތު ތިބި މި ކުންފުނިން ވަނީ މިއަހަރު ކުރީކޮޅުގައިވެސް ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައެވެ.
ނިޝާން ކުންފުނިން ވަޒީފާއިން މުވައްޒަފުން ވަކިކުރަމުންދާއިރު، އެކުންފުނީން ޔޫރަޕާއި އެމެރިކާގައި ކުރަމުން އައި ވިޔަފާރި ވަނީ އެހެން އަހަރުތަކާއި ބަލާފައި ވަރަށް ބޮޑަށް ދަށްވެފައެވެ. ހަމަހެންމެ ނިޝާން ކުންފުނީގެ މާލީ ހާލަތު މިދިޔަ ދިހަ އަހަރު ދަށްނުވާ ވަރަށް މިވަނީ ދަށްވެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މުވައްޒަފުން ވަކި ކުރަމުން ގެންދަނީ ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ.
ޖަޕާނުގެ ނިޝާން ކުންފުންޏަކީ އެ ގައުމުގައި އަދި އޭޝިޔާގައި ވެސް ކާރުގެ ވިޔަފާރީގައި މަޝްހޫރުކަން ހޯދައިފައިވާ ކުންފުންޏެކެވެ.