Advertisement
ކ. މާލެ
|
24 ޖުލައި 2019 | ބުދަ 12:16
އިނގިރޭސި ޚާރިޖީ އޮފީހުގެ ވަޒީރު ލޯޑް އަހްމަދާއި އެކު ޝާހިދު
އިނގިރޭސި ޚާރިޖީ އޮފީހުގެ ވަޒީރު ލޯޑް އަހްމަދާއި އެކު ޝާހިދު
ފޮރިން މިނިސްޓްރީ
ކިގާލީ ސަމިޓަށް ދާންވާއިރަށް މެމްބަރޝިޕް ޕްރޮސެސް ރާއްޖެއަށް ނިމެނޭ ކަމަށް އުއްމީދުކުރަން: އިނގިރޭސި ވަޒީރު
ކޮމަންވެލްތުގެ މެމްބަރަކަށް ރާއްޖެ އަލުން ވުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް މަރުހަބާ ވަނީ ކިޔާފައި

އަންނަ އަހަރު ރުވާންޑާގެ ކިގާލީގައި ބާއްވާ ކޮމަންވެލްތު ޤައުމުތަކުގެ ވެރިންގެ ބައްދަލުވުމަށް ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވާނެކަމަށް އުއްމީދު ކުރައްވާކަމަށް އިނގިރޭސި ޚާރިޖީ އޮފީހުގެ ވަޒީރު ލޯޑް އަހްމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް އަލުން ވުމަށް އެދިފައިވާތީ އެކަން އަވަސްކުރުމުގައި އިނގިރޭސި ސަރުކާރުގެ ވިސްނުމަކީ ކޮބައޮތޯ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ލޯޑް ވޭވަރލީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ލޯޑް އަހުމަދު ވިދާޅުވީ ކޮމަންވެލްތުގެ މެމްބަރަކަށް ރާއްޖެ އަލުން ވުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެމަނިކުފާނާއި ބައްދަލު ކުރައްވާފައިވާކަމަށާއި، އަންނަ އަހަރު އޮންނަ ކިގާލީ ސަމިޓަށް ރާއްޖޭގެ މެމްބަރޝިޕް ކަންތައް ނިމޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

Advertisement

ޤާނޫނު ހަދާ މަޖިލީހުގައި ރާއްޖޭގެ ކޮމަންވެލްތު މެމްބަރޝިޕާއި ބެހޭ ގޮތުން ސުވާލު ކުރެއްވުމުގެ ކުރިން ލޯޑް ވޭވަރލީ ވަނީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް އާއި ލަންޑަންގައި ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެ ކޮމަންވެލްތާއި އަލުން ގުޅުން އަވަސްކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ކަނޑުމަހުގެ ބާވަތްތައް އިނގިރޭސިވިލާތަށް އެތެރެކުރުމާއި ބެހޭ ގޮތުންނާއި ވިޔަފާރީގެ ދާއިރާއިންވެސް މަޝްވަރާތައް ކުރެއްވިއެވެ.

މީގެ އިތުރުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލަންޑާއިވެސް ސަފީރު ޑރ. ފަރަހަނާޒް ވަނީ ބައްދަލުކުރައްވައި، ރާއްޖެ ކޮމަންވެލްތާއި އަލުން ގުޅުމާއި ބެހޭ ގޮތުން މަޝްވަރާތައް ކުރެއްވިއެވެ. ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ދެ ފަހަރެއްގެ މަތިން މިހާރު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާއި ބައްދަލުކުރައްވާފައެވެ.

އަދި ކޮމަންވެލްތުން އެދިފައިވާ ބައެއް ޑޮކިއުމަންޓްތައް މިނިސްޓަރ ޝާހިދު ވަނީ އެކަމަނާއަށް އަރުވާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމްބަރުކަމުން ވަކިވީ ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ޙާލަތު ގޯސްވުމާއި ގުޅިގެން، ކަންކަން ރަނގަޅުކުރުމަށް އެޖަމާޢަތުން ގޮވާލުމުން، ރާއްޖޭގެ ދާޚިލީ ކަންކަމާއި ބެހޭކަމަށް ބުނެއެވެ.

ކޮމަންވެލްތާއި އަލުން ގުޅުމަށް ހުށަހެޅުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ޚާރިޖީ ވުޒާރާއިން ކޮށްފައިވާ ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް