ދިވެހިރާއްޖޭގެ ގައުމީ މަރުކަޒީ ބޭންކު މޯލްޑިވިއަން މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގަވަރުނަރު ކަމުން އަހުމަދު ނަސީރު އިސްތިއުފާ ދެއްވައިފިއެވެ.
އިތުބާރު ހުރި ފަރާތަކުން ރާއްޖެ.އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސީރު އިސްތިއުފާ ދެއްވާފައިވަނީ ބުދަ ދުވަހު ސްޓާފުންނާ ބައްދަލު ކުރެއްވުމަސް ފަހުއެވެ.
ނަސީރު އިސްތިއުފާ ދިނުމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ގަވަރުނަރު ނަސީރުގެ އިސްތިއުފާގެ ސިޓީފުޅު ލިބިވަގެންފައިވާކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށް ދެއްވާފައެވެ. އިސްތިއުފާ ދެއްވި ސަބަބު ސިޓީގައި ބަޔާންކުރައްވާފައި ނެތްކަމަށް ވެސް ހޫދު ވިދާޅުވިއެވެ. ގަވަރުނަރު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އޭނާގެ މައްޗަށް ގިނަ ތުހުމަތު ތަކެއް ވަނީ ކުރެވިފައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ ފައިސާތަކެއް ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާތީ އެފްއައިޔޫ ޔުނިޓުގެ ކުރީގެ ހެޑް އަބްދުﷲ އަޝްރަފް އެ މައްސަލަ ފުލުހަށް ހުށައެޅުމުން އެކަމާއި މެދު ހިތްހަމަޖެހިވަޑައިނުގެން ގުޅުއްވައި ވަކި ބައެއްގެ މައުލޫމާތުތައް ފުލުހުންނަށް ހުށަނޭޅުމަށް ނަސީރު އެދިފައިވާ ކަމަށް އަޝްރަފް ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހޯމަ ދުވަހު ވިދާޅުވެފައެވެ.
އެކަމާއި ގުޅިގެން އެމްއެމްއޭގެ ޓެރަސްގައި ފޯނައިނުލާ އެކަހެރިކޮށް ބައްދަލުކުރުމަށް ނަސީރު އެންގެވި ކަމަށް އަޝްރަފް ވަނީ ވިދާޅުވެފައެވެ. ނަސީރު ވިދާޅުވީ، އެކަހެރިކޮށް ބައްދަލު ކުރަން އެންގީ އަޝްރަފާ މެދު ޝައްކުވާ ކަންތައްތަކެއް ހުރުމުން ކަމަށެވެ.
އެފްއައިޔޫގެ މަސައްކަތަށް ނަސީރު ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ތަކެއްވެސް އަޝްރަފް ވަނީ ކޮށްފައެވެ. އެ ހުރިހާ ވާހަކައެއް ނަސީރު މުޅިއެކު ދޮގެއް ނުކުރެއެވެ. އެހެން ނަމަވެސް ވަކި ބައެއްގެ މައްސަލަ ވަކި ގޮތަކަށް ކުރިޔަށް ގެންދިޔުމަށް އެއްވެސް ޑިޕާޓްމެންޓެއްގައި އެދިފައިނުވާނެ ކަމަށެވެ. އެ ކޮމީޓީގައި ނަސީރުވެސް ވަނީ އަޝްރަފާ ދެކޮޅަށް ގިނަ ތުހުމަތު ތަކެއް ކޮށްފައެވެ. އެގޮތުން އެފްއައިޔޫގެ ތެރެއިން އަޝްރަފް އިސްކޮށް ހުރެގެން ޓެލެގްރާމްގައި ބޮޓެއް މެދުވެރިކޮށް ޑެޓާބޭސް ލީކް ކުރަމުންދާ ކަމުގެ ތުހުމަތު ކުރެއްވިއެވެ.