ކޮންމެ ދުވަހަކީވެސް އަންހެނުންގެ ހިދުމަތްތައް ފާހަގަކުރާ ދުވަހަކަށް ހެދުމަށް ވިމެން އޮން ބޯޑްގެ ޗެއަރޕާސަން އަދި ކުރީގެ އިސްލާމިކް އެފެއާރޒް އަދި ފިނޭންސް މިނިސްޓްރީގެ ނައިބް އައިޝަތް މުނީޒާ ގޮވާލައްވާފިއެވެ.
މުނީޒާ މިގޮތަށް ވިދާޅުވެފައި މިވަނީ ވިމެން އޮން ބޯޑްގެ އަހަރީ އިނާމް ދިނުމުގެ ހަފްލާ ފެށުމުގެ ގޮތުން އެކަމަނާ ދެއްކެވި ވާހަކަފުޅުގައެވެ. މުނީޒާ އިތުރަށް ވިދާޅުވީ އެވޯރޑެއް ނުދިން ކަމުގައި ވިއަސް އަންހެނުން ކުރާ އެންމެ ކުދި އަދި އެންމެ ބޮޑެތި މަސައްކަތްތަކުގެ އަގުވަޒަންކުރުމަކީ މުހިންމު ކަމެއް ކަމުގައެވެ.
" އަޅުގަނޑުމެން ކޮންމެހެން އެވޯރޑެއް ނުދިނަސް، އަންހެނުން ކުރާ ކުދި މަސައްކަތުން، ބޮޑެތި މަސައްކަތްތަކާ ހަމައަށް އަޅުގަނޑުމެން އެބަޖެހޭ ސާބިތުވެ ތިބެ އެބޭފުޅުން އެކުރައްވާ މަސައްކަތްތަކަށް މަރުހަބާއޭ ހާދަ ރަނގަޅޭ މިކަހަލަ ބަހަކުން ނަމަވެސް އެބޭފުޅުން އެޕްރިޝިއޭޓް ކުރަން،"އައިޝަތް މުނީޒާ
މި ހަފްލާގައި ވިމެން އޮން ބޯޑްއިން ވަނީ ރާއްޖޭގައި ތަފާތު ގިނަ ރޮނގު ރޮނގުން މަސައްކަތް ކުރައްވާފައިވާ ކަނބަލުންނަށް އެކަނބަލުންގެ އަގު ވަޒަންކޮށް އެވޯރޑް އަރުވާފައެވެ. މި އަހަރުގެ ވިމެން އޮން ބޯޑް އިން އަރުވާ ލައިފް ޓައިމް އެޗީވްމެންޓް އެވޯރޑް އަރުވާފައިވަނީ ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިޔާ އަނީސާ އަހްމަދް އަށެވެ.
އަނީސާ އަހްމަދު ވަނީ ރާއްޖެގައާ ދުނިޔޭގެ އެކި ކަންކޮޅުތަކުގާ އަންހެނުން އެ ކަނބަލުންގެ ގައުމުތަކުގައި ނުފޫޒުގަދަ މަގާމްތައް ފުރައްވާފައިވާ އަދި ފުރައްވަމުން ގެންދަވާ އިރު ވެސް ގިނަ މީހުންގެ ނަޒަރުގައި އަންހެނުންނަކީ އަދިވެސް ނިކަމެތި ނުވަތަ ފިރިހެނުންނަށް ވުރެ ދަށުގައި ވާ ބައެއްކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. އެކަމަނާވަނީ މިކަން އެއްކޮށް ބަދަލުކުރަން ޖެހިފައިވާކަމަށާއި ޒުވާން ދިވެހި އަންހެނުން ކެރިގެން ނުކުމެ ކަންތައްތައް ބަދަލުކުރުމުގެ މަސައްކަތް ފައްޓަންވެއްޖެކަމަށް ވިދާޅުވެފައެވެ.
މި ހަފްލާ ގައި މިނިސްޓަރ އޮފް ޖެންޑަރ ޝިދާތާ ޝަރީފްވެސް ވަނީ ބައިވެރިވެ ވާހަކަފުޅު ދައްކަވާފައެވެ. އެކަމަނާ ވަނީ ދަރިން ހެދި ބޮޑުވުމުގައި އެންމެ އިސްރޯލެއް އަދާކުރާނީ އެކުއްޖާގެ ގޭތެރޭގެ މާހައުލުކަމަށް ވިދާޅުވެފައެވެ. އަދި ކުޑަ ދަރިފުޅު ބޮޑުވަމުން އަންނަ އިރު އެކުދިންނަށް ދެ ޖިންސުގެ ހަމަހަމަކަން ކިޔައި ދިނުމަކީ މުހިންމުކަމެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އިނގިރޭސި ވިލާތުގެ އަންހެނުން ބާރުވެރިކުރުވުމުގައި އިސްދައުރެއް އަދާ ކުރާ ޑރ. ޔުވޯން ތޮމްޕްސަން ވަނީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވަ ޖަލްސާގެ މެހެމާނުންނާ ވާހަކަފުޅު ދައްކަވާފައެވެ. އެކަމަނާ ވަނީ އަންހެނުން ބާރުވެރިކުރުވާ ދެ ޖިންސުގެ ހަމަ ހަމަކަން ގާއިމް ކުރުމަށްޓަކާ މިކުރާ މަސައްކަތުގައި ފިރިހެނުންގެ ވެސް އެއްބާރުލުން މުހިންމު ކަމުގާ ވިދާޅުވެފައެވެ.
މިއީ ވިމެން އޮން ބޯޑްގެ އަހަރީ އިނާމް ދިނުމުގެ ހަފްލާ ބޭއްވި ހަތަރުވަނަ ފަހަރެވެ.