ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ އިންޓަވިއު ބްރޯޑްކާސްޓު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކާސްޓިން ކޮމިޝަނުން ޓީވީ ސްޓޭޝަން ތަކާއި ރޭޑިއޯ ސްޓޭޝަންތަކަށް ދީފައިވަނީ ރަނގަޅަށް ކަމަށާއި އެ ސަރކިއުލާ ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ގައިދީންގެ އިންޓަވިއު ބްރޯޑްކާސްޓު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
އެއީ ގާނޫނާ ހިލާފު އެންގުމެއް ކަމަށް ބުނެ ސިވިލް ކޯޓަށް ރާއްޖެޓީވީން ހުށަހަޅާފައިވާ އެމައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ބްރޮޑްކާސްޓިން ކޮމިޝަނުން އެކަމާއި ގުޅިގެން ނެރުނު ސަރކިއުލާ ނެރެވޭކަށް ނެތް ކަމަށެވެ.
އެ ސަރކިއުލާގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ މަސްއޫލުވެރިޔެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހައްގު ހުކުމް ތަންފީޒު ކުރާ ފަރާތްތަކަށް ނޯންނާނެ ކަމަށް ޕެރޯލްގެ ގާނޫނުގައި ބުނެފައިވާ ކަމަށާއި އެފަދަ ފަރާތްތަކުގެ އިންޓަވިއުތައް ބްރޯޑްކާސްޓު ނުކުރުމަށް އެކޮމިޝަނުން ބުނެފައިވެއެވެ. އަދި ޝަރުއީ ހުކުމެއް ތަންފީޒު ކުރާ ފަރާތްތަކާ ބައްދަލުކޮށް އެއްވެސް މައުލޫމާތެއް ހޯދައި އެ މައުލޫމާތު ބޭނުން ކުރަން ވާނީ ޕެރޯލްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށް ސާކިއުލާގައިވެ އެވެ.