ފުލުހުން ޚިދުމަތް ކުރަމުންދާ މާހައުލުގައި މިއަދުވެސް ފުލުހުންނަށް ނުރައްކާތެރިކަން އެބަ އޮތް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ މެމޯރިއަލް ޑޭ ފަހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ރައްޔިތުންގެ ތެރެއިން ގިނަ ބައެއް ޤަބޫލުކޮށް އެކަން ބަލައިގަތް ނަމަވެސް އެއްބަޔަކު އަބަދުވެސް ފުލުހުންނާއި މެދު ނަފްރަތު ކުރުމާއި, ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި, ބައެއް ހާލަތުގައި އަނިޔާ އާއި ގޯނާ ކުރަމުން ދާކަމަށެވެ.
އަދި މިއަދުގެ މާހައުލުގައި ފުލުހުންނަށް ޖިސްމާނީ އަނިޔާގެ އިތުރުން ވެސް ނަފްސާނީ ގޮތުން ވެސް އަނިޔާ ކުރަމުންދާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
ސީޕީ ހަމީދު ވިދާޅުވީ އޮންލައިން ޕްލެޓްފޯމްތަކުގައި ބައެއް ފަރާތްތަކުން ވަކިވަކި ފުލުހުންނަށް ނިސްބަތްކޮށް ބިރުދެއްކުމާއި ފުރައްސާރަ ކުރުން އެއީ މިއަދު ހިނގަމުން އަންނަ ކަންކަންކަމަށާއި މިއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ. އަދި އެއީ ފުލުހުންގެ މުއައްސަސާގެ ފަރާތުން ހަރުކަށިކޮށް ކުއްވެރި ކުރާ ކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ.
ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ކުރާ މިފަދަ ކަންކަމަށް ނޫނެކޭ ބުނުމަށް ފުލުހުންގެ މަސައްކަތް ބަލައިގަންނަ ގިނަ ރައްޔިތުންނަށް ސީޕީ ބާރުއެޅުއްވިއެވެ. މި ޖަލްސާގައި ގާނޫނު ތަންފީޒް ކުރުމުގެ މަސައްކަތް ކުރާއިރު އަބަދުވެސް ޤާނޫނުތަކަށް ބޯލަބަން ޖެހޭނެ ކަން ސިޕީ ވަނީ ފުލުހުންނަށް ހަނދާކޮށްދެއްވާފައެވެ.
ސީޕީ ވިދާޅުވީ ފުލުހުންގެ މަތީ ލީޑަރޝިޕްގެ އެންމެ ޚާއްސަ އިސްކަމެއް ދެވިގެންދާނެ އެއްކަމަކީ ފުލުހުންގެ މުއައްސަސާއަށް ނިސްބަތްވާ ފަރާތްތައް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ އާއި ގެއްލުމުން ރައްކާތެރިކުރުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމާއި ފޯރުވައިދޭން ޖެހޭ ތައުލީމާއި ތަމްރީން އަދި މަސައްކަތަށް ބޭނުންވާ އާލާތްތައް ހަމަޖައްސައި ދިނުން ކަމަށެވެ.
2013 ވަނަ އަހަރު ފުލުހުން ފާހަގަކުރަން ފެށި ޕޮލިސް މެމޯރިއަލް ޑޭ އަކީ ރަސްމީ ޑިއުޓީގައި ތިބެ ޑިއުޓީ އަދާ ކުރަމުންދަނިކޮށް ދިމާވާ އެކިއެކި ޙާދިސާތަކާއި ދެކޮޅުވެރި ޙަމަލާތަކުގައި ޝަހީދުވާ ފުލުހުންގެ ޛިކުރާ އައުކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ މުއައްސަސާއިން ފާހަގަ ކުރާ ދުވަހެކެވެ.