ސުޕުރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަ ބަލައި އެ ތިން ފަނޑިޔާރުންނަށް ޖުޑިޝަލް ސާރވިސް ކޮމިޝަނުން ފިޔަވަޅު އަޅަން ނިންމައިފިއެވެ.
ހޯމަ ދުވަހު ބޭއްވުނު ޖޭއެސްސީގެ 47 ވަނަ ބައްދަލު ވުމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ގުޅޭގޮތުން ޖޭއެސްސީން ތަހުގީގު ކުރަމުންދިޔަ ނަމްބަރު 2019/59 ޝަކުވާ ތަހުގީގު ކުރި ކޮމިޓީގެ، ތަހުގީގު ނިމުނު ގޮތުގެ ރިޕޯޓް ކޮމިޝަނުން ބަލައިގަތުމަށް ޖަލްސާއިން ވަނީ ނިންމާފައެވެ.
މިއަދުގެ ޖަލްސާގައި ތަހުގީގު ކޮމިޓީން ތަހުގީގު ކުރުމަށްފަހު ނިންމާފައިވަނީ މި ތިން ފަނޑިޔާރުންނަށް އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ނަސޭހަތްތެރި ވުމަށެވެ.
މި ނިންމުމާއި ގުޅިގެން ޤާނޫނި ނަމްބަރު 200/10 (ޖުޑިޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނު) ގެ 30 ވަނަ މާއްދާގައި ބަޔާންކުރާ ފުރުސަތު (ތަހުގީގު ރިޕޯޓަށް ޖަވާބުދާރީ ވުމަށް 30 ދުވަހުގެ މުއްދަތު) އަންގާރަ ދުވަހުން ފެށިގެން މި ތިން ފަނޑިޔާރުންނަށް ދިނުމަށް ވަނީ ނިންމާފައެވެ.
ޝަރުޢީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި އާދަޔާ ޚިލާފަށް ދިގުދެމިގެންދާ ކަމުގެ ޝަކުވާ ކޮމިޝަނަށް ލިބެމުންދާތީ، ކޯޓަށް ހުށަހެޅޭ މައްސަލަތައް ލަސްވާން ދިމާވާ މައިގަނޑު ސަބަބު ތަކަކީ ކޮބައިތޯ ދެނެގަތުމަށް އެކުލަވައިލެވުނު ކޮމިޓީން މިއަދު ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓް ބަލައިގަތުމަށް ބައްދަލުވުމުގައި ކޮމިޝަނުން ވަނީ ނިންމާފައެވެ.
އެގޮތުން ކޮމިޓީން މިއަދު ހުށަހަޅާފައިވަނީ ކުރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭ ރިޕޯޓެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި ނުނިމި ގިނަދުވަސް ވެފައި ހުރި މައްސަލަތައް ބަލައި، މި މައްސަލަތައް އަވަހަށް ނިންމުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމަށްޓަކައި މައްސަލަތައް ގެންދެވޭނެ ގޮތުގެ ޝެޑިއުލް އެއް ތައްޔާރު ކުރުމަށް ރިޕޯޓްގައި ވަނީ ހިމަނާފައެވެ. އަދި މި ރިޕޯޓް ވަރަށް އަވަހަށް ރައީސުލް ޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ކޯޓުތަކަށާއި، ތަންފީޒީ އިދާރާތަކާއި ހިއްސާކުރުމަށްވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
މިއަދުގެ ޖަލްސާގައި ބައިވެރި ވަޑާއިގެންނެވި މެންބަރުންނަކީ:
1. ކޮމިޝަންގެ ރައީސް އަލްއުސްތާޛު އަބްދުﷲ އަރީފް
2. ކޮމިޝަނގެ ނައިބް ރައީސް އަލްއުސްތާޛު މަސްތޫރު ހުސްނީ
3. ކޮމިޝަންގެ މެންބަރު ރައީސް މުހައްމަދު ނަޝީދު
4. ކޮމިޝަންގެ މެންބަރު އަބްދުއް ރައޫފް އިބްރާހިމް
5. ކޮމިޝަންގެ މެންބަރު އަލްއުސްތާޛު މުހައްމަދު އީސާފުޅު
6. ކޮމިޝަންގެ މެންބަރު އަލްއުސްތާޛު ހިސާން ހުސައިން
7. ކޮމިޝަންގެ މެންބަރު ޑރ. އަލީ ޝަމީމް
8. ކޮމިޝަންގެ މެންބަރު އަލްއުސްތާޛު އަބްދުލް ހަންނާނު އަހުމަދު
9. ކޮމިޝަންގެ މެންމަރު އަލްއުސްތާޛު އިބްރާހިމް ރިފްޢަތު
މިއަދުގެ ބޭއްވުނު ކޮމިޝަންގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަންގެ ރައީސް އަލްއުސްތާޛު އަބްދުﷲ އަރީފް އެވެ. ނަމަވެސް ސުޕުރީމް ކޯޓުގެ ތިން ފަނޑިޔާރުންނާއި ގުޅޭގޮތުން ތަހުގީގު ކުރެވިފައިވާ ޝަކުވާގެ ރިޕޯޓާއި ގުޅިގެން ކޮމިޝަންގެ ރައީސް އަބްދުﷲ އަރީފް ޖަލްސާއިން ތަނާޒުލް ވުމާއި ގުޅިގެން އެ މަސައްކަތް ނިމެންދެން މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަންގެ ނައިބް ރައީސް އަލްއުސްތާޛު މަސްތޫރު ހުސްނީއެވެ.