ކޮންކްރީޓް ސައިޓްތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތައް ހުއްޓުވުމަށް ސަރުކާރަށް ބާރު އެޅުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ. މެމްބަރު ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލާފައިވަނީ 52 މެމްބަރުންގެ ވޯޓާއި އެކުއެވެ.
ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މެމްބަރު ޖާބިރު ވިދާޅުވީ މާލެ ސިޓީގައި ކޮންކްރީޓްގެ މަސައްކަތް ކުރަމުން އަންނަ ގިނަ ސައިޓްތައް ހުރިއިރު، ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ، މި ފަދަ ސައިޓްތަކުގައި ކޮންކްރީޓްގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަރުވާކުޑަކުރުމުގެ ސަބަބުން ނުރައްކާތެރި އެތައް ހާދިސާތަކެއް މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގާފައިވާ ކަމަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ޖާބިރު ވަނީ ވިދާޅުވެފައެވެ. އެފަދަ ހާދިސާތަކުގައި މިހާތަނަށް އެތައް ބައެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވާ ކަމަށެވެ.
މެމްބަރު ޖާބިރު ވިދާޅުވީ، އެފަދަ ހާދިސާތަކުގައި އިތުރު ބައެއްގެ ފުރާނަ ގެއްލިގެން ދިޔުމުގެ ކުރިން، ސަރުކާރުން ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް، ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ކޮންކްރީޓް މަސައްކަތް ކުރަމުން އަންނަ ސައިޓްތަކުގެ މަސައްކަތް ހުއްޓުވަންޖެހޭނެ ކަމަށެވެ. އަދި މި ފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެެހޭ ފިޔަވަޅުތައް ސަރުކާރުން އަޅުއްވަންޖެހޭ ކަމަށް ޖާބިރު ވިދާޅުވި އެވެ.
މެމްބަރު ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވާއިރު، ކޮންކްރީޓް މަސައްކަތް ކުރަމުން އަންނަ ސައިޓްތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި، ފަރުވާ ކުޑަކުރުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަވަނީ ގެއްލިގެން ގޮސްފައެވެ. އިމާރާތް ކުރަމުން އަންނަ ސައިޓްއަކުން ވެއްޓުނު ސިމެންތި ބަސްތާ އަކުން ޖެހި ކުޑަކުއްޖަކު މި ދިޔަ އަހަރު ޑިސެމްބަރުމަހުގެ 17 ވަނަ ދުވަހު މަރުވެފައިވާއިރު، އިމާރާތަކުން ވެއްޓުނު ސިމެންތި ގޯންޏަކުން ޖެހި ބިދޭސީއަކު ވަނީ މި މަހުގެ 10 ދުވަހު މަރުވެފައެވެ.