ސަރުކާރު ތެރޭގައި ހިނގާ ހިޔާނާތާ ކޮރަޕްޝަންގެ މައުލޫމާތު ހިއްސާ ކުރާ މީހުންް ރައްކާތެރިކޮށްދޭ (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ) ބިލަށް އާއްމުންގެ ހިޔާލަށް އާދިއްތަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ބިލަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ މި މަހުގެ 31 ގެ ކުރިން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީ އަށްމެއިލްކުރުމަށް މަޖިލީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ. ލިޔުމުން ވެސް ހިޔާލު ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކޮށްދޭ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ އެވެ. ޖޫން މަހުގެ 22 ދުވަހު މަޖިލީހަށް ހުށައެޅި އެ ބިލް ފާސްކޮށްފައިވަނީ ނިމިގެން ދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. ބިލް އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމީޓީ އަށް ވަނީ ފޮނުވާފައެވެ.
އެ ބިލް ފާސްކޮށް ފައިވަނީ 75 މެމްބަރުންގެ ވޯޓުންނެވެ. ވިސްލްބްލޯވާ ފަދަ ބިލެއްގެ މުހިއްމުކަން ހާމަވެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ފަޅާއަރުވާލީ ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް ޖަލަށްލީ ހިސާބުން ކަމަށް ބިލުގެ ބަހުސް ގައި އީވާ ވަނީ ވިދާޅުވެފައެވެ. ބޭންކުގެ ކަސްޓަމަރުންގެ މައުލޫމާތު ލީކު ކޮށްލި ކަމަށް ބުނެ ގާސިމްގެ މައްޗަށް ދައުވާ އުފުލާ އަހަރެއްހާ ދުވަސް އޭނާ ޖަލުގައި ހޭދަކުރިއެވެ.
ވިސްލްބްލޯވާ ބިލް މަޖިލީހަށް ހުށައެޅުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭ ހިމެނޭ ވައުދެކެވެ.