ބާއިމާރާތްތަކުގެ މައްސަލަތަކުގެ ވަރަށް ގިނަ ރިޕޯޓު ލިބެމުންދާ ކަމަށާއި، ސަރުކާރުން ހަރަދުކޮށްގެން ނަމަވެސް ތަޅާލަންޖެހޭ ތަނެއް ވެއްޖެނަމަ ތެޅުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ޕްލޭނިން މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ބާއިމާރާތްތަކާ ބެހޭ ގޮތުން އަންނަ ޝަކުވާތައް ވަރަށް ގިނައިން ލިބޭ ކަމަށާއި، ސިޓީ ކައުންސިލްއާ ގުޅިގެން މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މަޝްވަރާއަށްފަހު ތަޅާލަން ޖެހޭ އިމާރާތެއް ނަމަ ސަރުކާރުގެ ހަރަދުގައި ވެސް އެކަމެއް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު ހެނދުނު އައި ރިޕޯޓެއް ވިލިގިލީގައި އިން ކޮންވެސް ބަޔަކު މަސްވިއްކަން ހަދާފަ އިން އިމާރާތެއް ވަރަށް ބޮޑަށް ބާވެފައި. ތަޅާލަން ވެފައި އިންތަނެއް އަސްލުގައި. އޮފީހުގެ ކަމާބެހޭ މުވައްޒަފުންނަށް ސިޓީ ކައުންސިލާ ގުޅިގެން އެބޭފުޅުންގެ މަޝްވަރާއާއެކުގައި އެތަން ސަރުކާރުން ހަރަދުކޮށްގެން ނަމަވެސް ތަޅާލަންޖެހޭ ތަނެއްގެ ގޮތުގައި އަޅުގަނޑަށް އެނގެން އޮތް މިންވަރަކީ. އެތަން ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނަން.މިނިސްޓަރު އަސްލަމް ވިދާޅުވި
މާލޭގައި ވަރަށްގިނަ ބާއިމާރާތްތައް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ މާލޭގެ އިމާރާތްތަކުގެ އިންޖިނިއަރިން މަސައްކަތްތައް ކޮށްފައިއޮތީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. ބައެއް އިމާރާތްތައް ސަރުކާރުގެ ހަރަދުގައި ތަޅާލުމުގެ މަސައްކަތް ކުރި ނަމަވެސް ހުރިހާ އިމަރާތްތަކަކީ ސަރުކާރުގެ ހަރަދުގައި ކުރަންޖެހޭ މަސައްކަތްތަކެއް ނޫން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އިމާރާތްތަކުގެ ވެރިފަރާތުން ވެސް އެތަންތަނަކީ އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ތަނެއް ކަމަށްވާނަމަ ވެރިފަރާތުން މީހުން ހުސްކޮށް އެޒިންމާ ނަގަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ މިހާރަށް ވުރެވެސް ބޮޑަށް މިމައްސަލަތަކަށް އިސްކަންދީގެން ބަލަންޖެހޭ ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ.
ކޮންސްޓަރަކްޝަން ސައިޓްތަކުގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތައް ބެލުމަށް 252 ސައިޓަކަށް ޒިޔާރަތްކޮށް ބަލާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.