ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޕާކް ކުރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މާލޭގެ އެކި ހިސާބުތަކުގައި ބަހައްޓާފައިހުރި މެކޭނިކަލް ޕާކިން ސިސްޓަމްތައް ނަގަނީ އެއީ ރައްކާތެރި ސިސްޓަމްތަކަށް ނުވާތީ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ޕްލޭނިން މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއެމްވީން ދެންނެވި ސުވާލަކަށް މިނިސްޓަރު އަސްލަމް ވިދާޅުވީ ޕާކިން ސިސްޓަމްތައް އެއްވެސް އިރަކު މަސައްކަތް ކުރިތަން ނުފެންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޕާކިން ސިސްޓަމްއަކީ ރާއްޖެއާ އެންމެ އެކަށީގެންވާ އެއްޗެއް ނޫން ކަމަށާއި، އެމެކޭނިކަލް ސިސްޓަމްތަކުން ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ބިރު އޮތުމުން އެނަގަން ނިންމީ ކަމަށެވެ.
އެއީ ރައްކާތެރި ސިސްޓަމްތަކެއް ނޫން. ސިސްޓަމްތައް ނަގާފައި އެއެއްޗެހިތައް ތެޔޮލާފަ ރައްކާކޮށްފައި ބަހައްޓާފައި ހުންނާނެ. އެހެން ކަމެއް ކުރަންޖެހުނު އިރަކުން އޭނގެން އެހެން ކަމެއް ކުރަން ނަމަވެސް. ކޮންމެ ބަޔަކު ހަރަދުކޮށްގެން ކުރިކަމުގައި ވިޔަސް ދައުލަތުގެ މުދާ އެއީ ހުންނާނެ ބަހައްޓާފައި.މިނިސްޓަރު އަސްލަމް ވިދާޅުވި
މިނިސްޓަރު އަސްލަމް ވިދާޅުވީ ޕާކިން ސިސްޓަމްތައް ބަހައްޓާފައި ހުރި ބިންތަކުގައި ޕާކުކުރާނެ ތަން ހަދަމުންދާ ކަމަށެވެ.
މާލޭގައި ކާރު ޕާކް ކުރަން 10 ސިސްޓަމް އަދި ސައިކަލް ޕާކް ކުރަން ވެސް 10 ސިސްޓަމް ބަހައްޓާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މާލޭގައި ބެހެއްޓީ 4 ޕާކިން ސިސްޓަމްއެެވެ. އެގޮތުން ވެލާނާގެ ކައިރީގައި ކާރު ޕާކުކުރުމަށް ބެހެއްޓި ސިސްޓަމް ޓެސްޓު ކުރުމަށް ފަހު، ދަބަރަށް ފޮޅި ހަލާކުވެދިޔައީ ބޭނުން ނުކުރެވިއެވެ. ހުޅުމާލޭގައި ޕާކިން ސިސްޓަމްތަކެއް ބަަހައްޓާނެ ކަމަށް ވެސް އޭރުގެ ސަރުކާރުން ހާމަކުރިއެވެ. އަދި މިޕާކިން ސިސްޓަމްތައް ގެނައުމަށް ހަވާލުކުރީ އެސްޓީއޯއާއެވެ.