Advertisement
ކ. މާލެ
|
20 ޖުލައި 2019 | ހޮނިހިރު 12:47
މޫސުމާ ބެހޭ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްވޭ
މޫސުމާ ބެހޭ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްވޭ
މުހައްމަދު އަނިލް
ރާާއްޖެއަށް ކުރަމުންދާ ވިއްސާރަ
ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި
ހާއްސަކޮށް ރޭގަނޑު ދަތުރުތައް ކުރާނަމަ އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައި
ކަނޑުދަތުރު ކުރާނަމަ އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރަން އަންގާފައިވޭ
ކޯސްޓްގާޑަށް ލިބޭ ހާދިސާތައް އިތުރުވެފައިވޭ

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ވިއްސާރަ ދުވަސްވަރަކަށް ވެފައި، އަދި މޫސުމާ ބެހޭ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މި ވިއްސާރައިގައި، ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލު ބާރުމިނުގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތައް، މޫސުމާ ބެހޭ އިދާރާ އިން އޮޅުންފިލުވުމަށް ފަހު، ދަތުރުތައް ރޭވުމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ކަނޑުދަތުރު ކުރާނަމަ އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށާއި ދަތުރުކުރާ އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރިއެވެ. އަދި ވަކިން ހާއްސަކޮށް ރޭގަނޑު ދަތުރުތައް ކުރާނަމަ އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ.

Advertisement

މި ދުވަސްވަރު މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުން އަންނަ ކަމަށާއި އިންޖީނު ހުއްޓިގެންނާއި، ދިޔަވެ ދިޔަގަނޑު ކޮންޓްރޯލް ނުވުމާއި، ޕަންޕު މައްސަލަ ޖެހިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބޭ ހާދިސާތައް އިތުރުވެފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ. އެހެންކަމުން މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން ކުޅިވަރުތައް ރާވާ ހިންގެވުމަށާއި، ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާ ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑި ދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ހާއްސަ ސަމާލުކަން ދިނުމަށް ވެސް ވަނީ އެދިފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެމްއެންޑީއެފުން އެހީތެރިކަން އާންމުންނަށް ފޯރުކޮށްދެމުންދާއިރު ބ. ގޮއިދޫގެ ބައެއް ގެތަކަށް ވިއްސާރާގައި އެކިވަރުގެ ގެއްލުންތައްވުމާއި ގުޅިގެން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް